އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަގައިފި، ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

އަލިފާނުގެ ހާދިސާ ހިނގި ނިރުފެހި ގެ ތަޅާލުމުގެ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ އޭނާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި، އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އޭނާ ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު މިހާރު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ނިރުފެހީގައި ހިންގި ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ. އެހާދިސާގައި މަރުވި އިންޑިއާ އަށް މީހުންގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު ގައުމަށް ފޮނުވާލާފައިވާއިރު، އިއްޔެ ފޮނުވާލާފައިވަނީ މަރުވި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑެވެ.

މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި ފުރަތަމަ ރޯވި ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައި އޮތް ގަރާޖަކަށް ވީއިރު، އެތަން މާލޭގައި ހިންގަމުން އައީ ގާނޫނާ ޚިލާފަށް ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރު ބޭނުން ކުރުމުގައި އިހުމާލު ވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ހާދިސާ ހިނގި ގޭގެ ދެ ފްލޯގެ އެޕާޓްމެންޓްގައި 38 ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.

comment ކޮމެންޓް