މެމްބަރު ތޯރިގުގެ ބޮޑު ތުހުމަތެއް: އިންޑިއާ ސިފައިން މަސް ދޯންޏަކަށް އަރާ ފޭރި އަނިޔާކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ތޯރިގް ވާހަކަ ދައްކަވަނީ: އޭނާ ވަނީ އިންޑިއާ ސިފައިން ދިވެހި މަސްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައި --- ފޮޓޯ/ ޕީޕީއެމް

އިންޑިއާ ސިފައިން ދިވެހި މަސް ދޯންޏަކަށް އަރާ، އެ ދޯނިން ފޭރި މަސްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ތުހުމަތު ކުރައްވައިފިއެވެ.

އެ މައްސަލަ އޭނޭގެ ސަމާލުކަމަށް ގެނައީ ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރެއްކަމަށް ތޯރިގް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ, މީގެ ފަސް ދުވަސްކުރިން އެ މެންބަރު އޭނާއަށް ގުޅައި އދ. މަހިބަދޫގެ މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައި މަސްވެރިންނަށް އަނިޔާ ކޮށްފައިވާކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"އެ ދޯންޏާ ގުޅޭ ޚަބަރު ޖެހިގެން އައި ދުވަހު އަޅުގަނޑާ ހަމައަށް އައި އަދި އެ ދޯންޏާ ދޭތެރޭގަ އިންޑިއާ ސިފައިން ކަންތައްކުރި ގޮތުގެ މައުލޫމާތު އެ ކެޔޮޅު އަޅުގަނޑަށް ދިން," ތޯރިގް ވިދާޅުވިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ހއ. ގެ ބޭރުން ރާއްޖެ އާއި އިންޑިއާގެ ބޯޑަރު ގުޅޭ ހިސާބުން ކަމަށް ތޯރިގް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް އިންޑިއާގެ ސަރަހައްދުގެ އަށް މޭލަށް ވަދެފައިވާކަމަށް ބުނެ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި. އެ ދޯންޏަށް އެރީ ރޭގަނޑު އެ މަސްވެރިން ނިދާފައި ތިއްބާ. އަރާ ފޭރޭ މީހުން ގޮތައް އެ މީހުންނަށް ބިރު ދައްކައި އެ މީހުން ޑެގު މައްޗަށް ނެރެ ހަތިޔާރުން ބިރު ދައްކައި އެ ދޯނީގައި ހުރި ބައެއް އެއްޗެހިވެސް ހިފައިގެން އެ މީހުން ދިޔައީ،" ތޯރިގު ވިދާޅުވިއެވެ.

އެރޭ ދެ ދޯންޏަށް އެރިކަމަށާއި، މެމްބަރު ތޯރިގް ނިސްބަތްވާ މަހިބަދޫ ދޯންޏަށް އިންޑިއާ ސިފައިން އަރާފައިވަނީ އަނެއް ދުވަހު ހެނދު ދިހައެއް ޖެހިއިރު ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އަރާ އެ މަސްވެރިންނަށް ހަތިޔާރުން ބިރު ދައްކައި ޑެގް މައްޗަށް ނެރެ ކުޑަކަކުލަށް ތިރިކޮށް އެ ދޯނި ސާޗްކޮށް ހަދާފަ ދިޔައީ. އަދި ދަމުން އެ ދޯނީގައި ހުރި މަސްވެރިއެއްގެ ގައިގަ ބޫޓުން ޖަހައި މޫދަށް ވައްޓާލި. ކަނޑަށް ވައްޓާލި. މިއީ ހަމަ ހިނގާފައިހުރި ކަންތައް," ތޯރިގް ވިދާޅުވިއެވެ.

އިންޑިއާގެ ނުފޫޒުގެ ވާހަކަ މެދުކެނޑުމެއްނެތި އިނދިކޮޅުން ދައްކަމުން ދަނިކޮށް އެންމެފަހުން ދިވެހީންގެ ގަޔަށް ބޮލަށް އެމީހުން އަރަން ފަށައިފިކަމަށް ތޯރިގް ތުހުމަތު ކުރެއްވިއެވެ.

ތޯރިގުގެ ތުހުމަތާ ގުޅިގެން އެމްއެންޑީއެފްއާ ސުވާލުކުރުމުން ބުނީ އެފަދަ މައްސަލައެއް ދިވެހި ސިފައިންނަށް ހުށަހަޅާފައި ނުވާކަމަށާއި އެފަދަ ކަމެއް ސަމާލު ކަމަށް އައިސްފައިވެސް ނުވާ ކަމަށެވެ.

comment ކޮމެންޓް