ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އިއާދަކޮށްދީފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ

ޓްވިޓާއިން ދާއިމީކޮށް ސަސްޕެންޑުކޮށްފައިވާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް އަލުން ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.

ޓްވިޓާގެ ސީއީއޯ އީލޯން މަސްކް ވަނީ އެ ޕްލެޓްފޯމް ކޮންޓްރޯލް ކުރާ މިންވަރު ކުޑަ ކުރުމަށް ވައުދުވެފައެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ގިނަ އެކައުންޓްތަކެއް އަލުން އެކްޓިވޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައިޓްރަމްޕްގެ އެކައުންޓްވެސް ހިމެނެއެވެ.

މަސްކް, ޓްވިޓާއިން އަލުން ފުރުސަތު ދިން އެކައުންޓުތަކުގެ ތެރޭގައި ކަނާތު ފިޔައިގެ މީހުންނާއި ވާތު ފިޔައިގެ ފިކުރުގެ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ކަނާތު ފިޔައިގެ ޕެރޮޑީ ވެބްސައިޓް ބެބިލޯން ބީ އާއި ކޮމެޑީ ތަރި ކެތީ ގްރިފިންގެ އެކައުންޓް ހިމެނެއެވެ.

ޓްރަމްޕްގެ އެކައުންޓް އަލުން ބޭނުން ކުރުމުގެ ފުރުސަތު ދީފައި ވަނީ އެކަމަށް ތައީދު އޮތްތޯ ބެލުމަށް ޓްވިޓާ ޔޫޒަރުންގެ މެދުގައި މަސްކް ނެގި ވޯޓަކަށް ފަހުގައެވެ.

އެ ވޯޓުގައި ބައިވެރިވި 15 މިލިއަން މީހުންގެ ތެރެއިން 51.8 ޕަސެންޓް މީހުން ވޯޓު ދިނީ ޓްރަމްޕްގެ އެކައުންޓުގެ ސަސްޕެންޝަން އުވާލުމަށެވެ.

ޓްރަމްޕް ދާއިމީކޮށް ޓްވިޓާއިން ބޭރުކޮށްފައި ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަންނަން އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވި ކަމަށް ބުނާ މައްސަލައިގައެވެ. އެ ފިޔަވަޅު އެޅީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

ޓްވިޓާއިން ސަސްޕެންޑުކޮށްފައިވާ ބައެއް އެކައުންޓްތައް އިއާދަ ކުރުމަށް މަސްކް ވައުދުވެފައިވީ ނަމަވެސް އޭނާ ހުރިހާ އެކައުންޓެއް އަލުން އިއާދަ ކުރަން ރާވާފައި ނުވާކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކަނާތު ފިޔައިގެ ހަރުކަށި ފިކުރު ފަތުރާ ރޭޑިއޯ ހޯސްޓެއް ކަމަށްވާ އެލެކްސް ޖޯންސްއަށް ޓްވިޓާއިން އަލުން ފުރުސަތު ދޭނެތޯ މީހަކު ސުވާލު ކުރުމުން މަސްކް ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ. އަދި މަސްކް އަކީ, 2012 ވަނަ އަހަރު އެމެރިކާގެ ސްކޫލެއްގައި ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް 26 މީހަކު މަރާލި ހާދިސާ ނުހިނގާ ކަމަށް ބުނެ، ނުރައްކާތެރި ދޮގުތައް ފަތުރާ މީހެއްކަން މަސްކް ހަނދާންކޮށް ދިނެވެ.

ޓްވިޓާއަށް މަސްކް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އޭނާއަށް ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް