‏مالك بن دينار رحمه الله ވިދާޅުވިއެވެ."ލަފާ ޞޯލިޙު މީހުން ތިންކަމަކަށް ވަޞިއްޔަތްކޮށް އުޅެތެވެ. އެއީ، ދޫ ރައްކާތެރިކުރުމާއި، އިސްތިޣުފާރުކުރުން ގިނަކުރުމާއި، މީސްތަކުންގެ ނުބައިކަން ބޮޑުވެފައިވާއިރު އެމީހުންނާއި އެކަހަރިވެ އުޅުމެވެ."

***

"އަސަލްގެ ކޮއްކޮ ޒުހަލް ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ފެނުނީ އަސަލްއަށެވެ. އަސަލް ހަޅޭއްލަވައިގެންފާ ގޮސް ވަގުތުން ކޮއްކޮގެ ފައިގާ ހިފެހެއްޓިއެވެ. އަދި ކަރުން ވާގަނޑު ނައްޓާ އެނދުމަތީގައި ބޭއްވުމަށްފަހު ވިންދު ބަލައިލިއިރު ވިންދެއްވެސް ނެތެވެ. ނޭވާވެސް ނުލައެވެ. އަސަލް ވަގުތުން ސީޕީއާރުވެސް ދޭންފެށިއެވެ. އަދި އޭނަ މަންމައަށް ގޮވާ ގެނެސްގެން އެމްބިއުލެންސާއި ފުލުހުންނަށްވެސް ގުޅައިފިއެވެ. ހުރިހާކަމެއް ހިނގީ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެމްބިއުލެންސް އައުމާއެކު ހުރިތަނަށް ތިރިވި އަސަލް ވަގުތުން ކާއިނާތުއަށް މެސެޖްކޮށްފައި ޒުހަލް ދަންޖެހިފައި ހުއްޓާ ފެނުނު ވާހަކަކިޔާދިނެވެ.

ގިނައިރުތަކެއްނުވަނީސް ކުއްލި ޚަބަރުގެ ގޮތުގައި ކައުނު ނޫހުގައި ގެނެސްދިނީ ޒުހަލް ދަންޖެހިގެން ނިޔާވި ވާހަކައެވެ. ފުރިހަމަ ނަމާއި އެޑްރެހާއެކު ދެތިން ފޮޓޯތައްވެސް ލާފައި އެ ޚަބަރު ނޫހަށް އެރުވުމަށްފަހު ނޫހުގެ ކަމަކާއި އަޅާލާނެ ހޭވެރިކަމެއް އެތަނުގެ ސީނިއާ ސްޓާފަކަށް ނުވިއެވެ. ނިޔާވީ އަސަލްގެ ކޮއްކޮކަން އެނގުމުން އެންމެން ދުއްވައިގަތީ ހޮސްޕިޓަލާއި ދިމާލަށެވެ.

"އައިމް ސޮރީ..."އިމަޖެންސީގެ ބޭރުގައި ހުރި އަސަލްގެ ގާތަށް ހުއްޓިލަމުން ކާއިނާތު މަޑުމަޑުން ބުނެލިއެވެ."ކޮބާ މަންމަ؟"

"މަންމަ ސަކަރާތްވެގެން މިހާރު ހޮސްޕިޓަލުގައި ބާއްވާފައި އޮތީ. ޒުހަލްއަށް އެންމެންގެ ހެޔޮ ދުޢާ ބޭނުމީ....."

ނިޔާވެއްޖެ މީހަކު ދިރުމަކީ ގުދުރަތުގެ ނިޔާއާއި އަރައިރުންވާކަމެއްކަމަށް ބުނަން އުޅެފައިވެސް ކާއިނާތު ހިމޭންވިއެވެ. މީހުންގެ ނަޒަރުގައި ކާއިނާތު އަޅައިގަތީ އެންމެންގެ ތެރެއިންވެސް އޭނަގެ މޫނުގައި ހުރި ދަމައިގަންނަ ގޮތަކުންނެވެ. ޑައިމަންޑް ފޭޝަލް ހަދައިގެން އަޔަސް އެހާ މޫނު އޮމާންވާނެކަމެއް ނޭގެއެވެ. ކަކުލާއި ހަމަޔަށް އޮތް ހުދު ހެދުމަކާއި ނޫ ޖިންސެއްގައި އޭނަ ފެންނަނީ ސްޓައިލިޝް ކޮށެވެ.

"ޒުހަލް ވެންޓިލޭޓަރުގައި އޮތީ.." އަސަލް އިތުރަށް ބުނެދިނެވެ.

ޖީލަން ކާއިނާތުއަށް ގޮވުމުން ކުޑަކޮށް މޫނަށް ވައްތަރެއް ޖައްސައިލުމަށްފަހު ގާތަށް ދިޔައެވެ.

"ވަޓްސް އަޕް....."

"ކާކު ލިޔުނު ޚަބަރެއް އެއީ؟ މިނޫހުގައި ޖަހާ ކޮންމެ ދޮގު ޚަބަރެއް ނޯވާ ނޫހުގައި ޖަހަން ޖެހޭތަ؟ ޑޭމް....އަސަލްގެ ކޮއްކޮއެއްގެ ވާހަކައޭ. އެނގޭތަ؟ އޭނަ ނައްޓާނެ ކަމެއް ނޭގޭތަ؟" ޖީލާން ދަތްތަކުގެ ތެރެއިން ވާހަކަދެއްކިއެވެ.

"ކޮބާ ދެން މައްސަލައަކީ؟"

"ޔޫ އާ ސޯ އިންސެންސިޓިވް. އަސަލްގެ ކޮއްކޮ އެއް ސުއިސައިޑްވީމަ އެވާހަކަ ނޫސްތަކުގައި ޖަހަން އޭނަ ބޭނުންވާނެހެން ހިޔެއްނުވޭ. އެވެސް އޭނަ އެންމެ ހީނުކުރާ ފަރާތުން ލީކް ކޮށްލާފައި އެހެރީ..އަސަލްގެ ގާތުން ހުއްދަ ހޯދައިގެން ތަންކޮޅެއް ފަހުން އެ ޚަބަރު ލިޔުނުނަމަ.ނޫނީ ވަކި މީހަކު ނޭގޭގޮތަށް...އެކަމަކު ފޮޓޯއާއެކު މުޅި އާއިލާގެ ނަން ބަދުމާނުވާގޮތަށް. މިފަހަރު އަސަލްއާއި ކާއިނާތުގެ ތި ގުޅުން ނިމުމަކަށް އަންނާނެ....." ޖީލާންގެ އަޑު ކިތަންމެ މަޑަސް ވިހަގޮތެއް ހުއްޓެވެ.

"އޭރުން ޖީލާން ކިހާ ލަކީ...ކިއޫގައެއްނު ތިހިރީ....." ކާއިނާތު ކަޅި އަޅާލާފައި ކުރިއަށް ދާން ހިނގައިގަތެވެ. ހެޔޮވަރަކަށް އަނދުން އަޅާފައި ހުރި ރީތި ދެލޮލުން ޚަންޖަރު އުކިފަދައެވެ.

މާގިނައިރެއްނުވެ ކާއިނާތުއަށް ޒުހަލް މަރުނުވާ ކަމާއި އައިސީޔޫއަށް ގެންދާން އުޅޭކަން ޔަގީންވިއެވެ. އަސަލްއަށް އޭނަ މި ޚަބަރު ލިޔުނުކަން އެނގިއްޖެއްޔާ ހިތްހަމަނުޖެހި މައްސަލަޖައްސާނެއެވެ. ކޮއްކޮއައި ބެހޭގޮތުން ދޮގު ޚަބަރެއް ފެތުރި މައްސަލައިގާ ދައުވާކުރަންވެސް ފަހެއްނުޖެހޭނެއެވެ.

"މޭބީ ހީ ވިލް ޑައި. ގެއަށް ދާންވީކަން ނޭގޭ. ރިލެކްސްކޮށްލަން، މިތާ ދުވާ ވަހަކުން ފެއިންޓްވެދާނެ. ހޮސްޕިޓަލް ފެނުނަސް މޭނުބައިކުރޭ. އައި ބިލޯން ޓު ސްޕޭސް......................."

ކާއިނާތު އިސްއުފުލާލައިގެން ހުރެ އެތަނުން ނިކުމެ ތާޒާވައިކޮޅެއް ނަގައިލަން ފުން ނޭވާއެއް އެތެރެއަށްލިއެވެ.

***

ކައުނު ނޫހަށް ކޯލްތައް އައިވަރު އެނގުމުންވެސް ކާއިނާތު ހާހެއްނުވިއެވެ. އަސަލް ބުނި އެއްޗަކުން އޮޅުން އެރީއެވެ. ޒުހަލް ދަންޖެހުނީކަމަށް ބުނުމުން އޭނައަށް މާނަ ނެގުނީ މަރުވީކަމުގައެވެ. ދަންޖެހިގެން އެހާ ފަސޭހައިން ސަލާމަތްވެދާނެކަމަށް އޭނަ ނުދަނެއެވެ. އޭނައަކީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހެއްވެސް ނޫނެވެ. ގެއަށްވަންއިރު މަންމަ ހާޖަރު ފިހާރައަކުން އެއްޗެއް ގަނެގެން އައިސް ވަނީއެވެ.

"ކޯނޗެއް މަންމާ.." ކާއިނާތު ސޯފާއަށް ވެއްޓިގަތެވެ.

"ކަނަމަދު ހަލްވާ..ކާއިނާތުއަށް މީރުވާނެކަން އެނގޭތީ ގަނެލީ. އަގުވެސް ބޮޑު އެއްޗެކޭ......................."

"ތެންކިއު މަންމާ....މަންމަވެސް ކާންވާނެ އިނގޭ...."ކާއިނާތު އޭނަގެ ގާތު އިށީންނަން މަންމައަށް އިޝާރާތްކޮށްލިއެވެ. އަދި ކަނަމަދު ހަލްވާ ޕެކެޓެއް ކަނޑާލާފައި އެކަތިކޮޅު ދިނެވެ." މަންމާ. އަހަރެން މިހުރިހާ ދުވަހު މި ސުވާލު ނުކުރަން. އެކަމަކު ހިތަށް އެރީ އަހަންނަށްވެސް އެކަން އެނގުމުގެ ހައްގު އޮންނަންވާނެއެ......"

"ކޮން ސުވާލެއްތަ؟" ހާޖަރު ކުއްލިއަކަށް ކަންބޮޑުވިއެވެ.

"އަހަރެންގެ ބައްޕައަކީ ކާކުތަ؟"

ހާޖަރު އެއް ދިމާލަކަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި އިނެވެ. އެތައް އަހަރަކަށްފަހު ދަރިފުޅުގެ ފަރާތުން އެ ސުވާލު އަތުވެދާނެކަމަށް އޭނަ އުއްމީދުނުކޮށް ހުއްޓާ އެހުމުން ހިތަށް ނުބައިގޮތެއްވިއެވެ.

"މަންމާ. ޕްލީޒް. ވަރަށް ބޭނުން އެނގެން..."

"އެނގިގެން ކީއްކުރާނީ؟ އޭނަ ބޭނުންނުވީމައެއްނު ދިޔައީ....." ހާޖަރު ތެދުވުނެވެ." ކައިނާތުއަށްވެސް އެންމެ ފައިދާ ހުރިގޮތަކީ މިހުރިހާ ދުވަހުވެސް ބައްޕައެއްގެ ހިޔާވަހިކަމާއި ލޯބި ނެތި ދުނިޔޭގައި އުޅުނުފަދައިން މިއަދުވެސް އެހެން އުޅުން. އަމިއްލަ ފައިމައްޗަށް ތެދުވުނީ ބައްޕަގެ އެހީއެއްނެތި.ކާއިނާތު މިއަދު ތިހިރީ ކިޔަވައިގެން ރަގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއްގައި މަޝްހޫރު ކުއްޖެއްގެ ގޮތުގައެއްނު..ކިތަންމެ ގިނައިން މުދާ ލިބުނަސް އުފަލުގައި ނޫޅޭ މީހުން ތިބޭ. އަދި މަދު އެއްޗެއްގައިވެސް ބަރަކާތް ލައްވަފާނެ..............."

"އެހީއާއި ލޯތްބާއި އެހެން އެއްޗެއް ހޯދާކަށް ނޫން. މަންމައަށް ލަނޑުދީފައި ފިލައިގެން ދިޔަ މީހާ ދެނެގަންނަން ބޭނުމީ..."

"އޭނަގެ ނަމަކީ ނާޒިމް."

"ފޮޓޯއެއް ނެތްތަ؟"

"ކާއިނާތު......" ހާޖަރު ބާރަށް ގޮވައިލިއެވެ."އެނގިގެން ކީއްކުރާނީހޭ؟"

"އެންމެން ތިބި ތަނެއްގައި މިއީ އޭނަ އެއްލާލާފައި އައި ދަރިފުޅޭ ބުނެ ބަދުނާމްކޮށް ލަދުގަންނަވައިލާނީ..."

"އެއީ ލަދުގަންނާނެ މީހެއްނޫން. ކާއިނާތު އެހެން އަމަލުކޮށްފިއްޔާ އޭނަ ބަދަލުހިފާނެ. އަހަރެމެން ދެމައިންނަށް ޖައްސާނީ ކޮން ހާލެއްކަންވެސް ނޭގޭ. އޭނަގެ އާއިލާއާއެކު އުފަލުގައި އުޅުނަދީ. ގިޔާމަތްދުވަހު އޭނަ ފަޟީހަތްވާނެ. އޭނަގެ ދިރިއުޅުމަށް އެއްވެސް ސިފައެއްގައި ދެން ދާކަށް ނެތިން........."ހާޖަރު އެތެރެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. މަންމަގެ ހިތުގެ ޒަޚަމްތަކަށް ލޮނު އެޅުނީތީ އޭނަ ދެރަވިއެވެ. މާޒީގެ ސަފުހާތައް އަލުން ހުޅުވުމުގެ ބަދަލުގައި ކުރިއަށް ދިޔުމަކީ މަސްލަހަތަށް ބަލާފައި އެންމެ ރަގަޅުގޮތެވެ. ނަމަވެސް ހިތުގެ ކަނަކުން އަންގަނީ ނާޒިމް ހޯދުމަށެވެ. އެވަރު އޭނައަށް ހައްގުކަމުގައެވެ.

***

ކާއިނާތު ޓެރެސްއަށް އެރިއެވެ. އުޑުމަތި ސާފުރެއެކެވެ. ތަރިތަކުގެ ވިދާ ބެބުޅުމުން ހިތަށް ލިބިފައިވާ އުދާސްކަން ވަގުތުން ފިލާދިޔައެވެ. އޭނަވެސް ބޭނުންވަނީ އެގޮތަށް އުދަރެހުގައި ރަނިކަން ކުރުމަށެވެ. ތަރިއަކަށްވެގެން އުދުހުމަށެވެ. ނަމަވެސް އެއީ ދިރުމެއް ހުރި އެއްޗެއްހެއްޔެވެ؟ ތަރިތަކަށް އެކަމުން ލިބޭނީ ކޮންއުފަލެއްހެއްޔެވެ؟ އޭނަގެ ނަސީބުގައި ދެރަގޮތްތައް މެދުވެރިވަނީ ކީއްވެބާވައެވެ. އަޅުކަން ކުރެވޭލެއް މަދީކަން ނޭގެއެވެ. ސިކުނޑިއަށް ވެރިވެގަތީ ސައިރަސްގެ ޚިޔާލެވެ. ދެވަނަ މިނިޓްގައި އަސަލްއަށް ދިމާވެގެން އުޅޭ ހިތާމަވެރި ހާދިސާ ސައިރަސްގެ ސޫރަ ވަގުތީގޮތަކަށް ފަނޑުކޮށްލައިފިއެވެ. މާފަށް އެދި އަސަލްއަށް މެސެޖްކުރަން އުޅުނުތަނާ ޖީލާންގެ މެސެޖެއް އައެވެ.

"އެ ޚަބަރު ކައުނު ނޫހުން ޑިލީޓްކޮށްލައިފިން. ކާއިނާތުއާއި އަސަލްގެ ގުޅުން ކެނޑެން ބޭނުންނުވާތީ އެންމެން ގާތު ބުނިން އެ ޚަބަރު ލިޔުނީ މަށޭ....."

"ހައު ސްވީޓް...ތެންކިއު...." ކާއިނާތު މެސެޖް ފޮނުވާފައި ލޮލުން ވައްތަރެއް ޖައްސައިލިއެވެ. މީހަކު އަޖައިބެއްނުވާނެހެއްޔެވެ؟ ޖީލާންފަދަ މުނާފިގެއް އޭނަ ތަނަކުން ނުދެކެއެވެ. ހިތުގައިވާ އެއްޗެއް ފޮރުވަން މޫނުމަތިގަނޑެއް އަޅާގޮތް އޭނައަކަށް ނުފޮރުވޭނެއެވެ. އަސަލްއާއި ކާއިނާތުގެ ގުޅުން ކެނޑިގެން އެންމެ އުފާވާނީވެސް ހަމަ ޖީލާންއެވެ. ޖީލާންއަށް ނޭގެނީ އޭނަގެ ލޯބިވެރިޔާއަކީ އަދި އެހެން ފެންވަރެއްގެ އެހެން މަޑިކިލަބެއްގެ މީހެއްކަމެވެ.

***

އަސަލްގެ ކޮއްކޮ ޒުހަލް އިމަޖެންސީއަށް ގެންދިޔައިރު ޚަބަރު ހުސްވެ އޮކްސިޖަންވެސް އެހާ ދަށެވެ. ޒުހަލްގެ ހާލު ސީރިޔަސްކަމުން ވަގުތުން ހޮޅިތައް ގުޅާ ވަގުތުން ފަރުވާތައް ދޭންފެށުނެވެ. އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދޭންފެށިތާ ސައުވީސްގަޑިއިރުތެރޭގައި ހޭއެރިއެވެ. އަސަލްގެ އާއިލާއާއި އެކުވެރިންގެ ދުއާގެ ސަބަބުން ޝިފާ ދެއްވިއެވެ. އެންމެނަށް ލިބިފައިވާ ހިތާމައާއި މޮޅިވެރިކަން ކުޑަވެ އުއްމީދުގެ ހުޅުކޮޅު ބޮޑުވިއެވެ. އަސަލް ކިރިޔާ ހަމަޖެހިގެން ފޯނު ޗެކްކުރިއިރު ނޯވާ ނޫހުގައި ޒުހަލްގެ ޚަބަރު ގެނެސްދީފައި ހުރިގޮތުން ވަގުތުން އެނޫހުގެ މަސްއޫލުވެރިންނާއިގެން ކޯޓަށް ގެންދާން ނިންމިއެވެ. ޒުހަލްއާއި ބެހޭގޮތުން ދޮގު ޚަބަރު ފަތުރާ އަދި ފޮޓޯތައް ލުމުން އަސަލްގެ ރުޅި މައިތިރިކުރެވޭވަރެއް ނުވިއެވެ. އަމިއްލަ ނަފުސަށްވުރެ ލޯބިވާ ފަރާތެއް ބަދުނާމުވާފަދަ ގޮތަކަށް އެ ޚަބަރު ގެނެސްދިނުމުން އެކަން ބަލައިގަންނަން އޭނައަށް ފަސޭހައެއްނުވިއެވެ.

އަސަލް ފޯނެއްގައި ހުއްޓާ އޭނަގެ މަންމަ ކުބްރާ ގޭތެރެއިން ނުކުމެގެން އައެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެނުނަސް އޭނަގެ ތަބީއަތު ކުރިއަށްވުރެ ރަގަޅެވެ. ނަފްސާނީ މައްސަލަތަކުގެ ތެރޭގައި މަންމައާއި ކޮއްކޮ ގެނބިގެންދާތަން ފެނުމުން އެކަމާއި އަސަލް އިންތިހާއަށް ފިކުރުބޮޑުވެއެވެ. ނަފްސާނީ ޑޮކްޓަރުންނަށް ދައްކާ ތެރަޕީ ހޯދައިގެން ކޮންމެވެސް ވަރަކަށް ހާލު ރަގަޅުނަމަވެސް ދޭތެރެއަކުން ގޯސްވުމުން އަސަލް ހުންނަން ޖެހެނީ ސަމާލުވެގެންނެވެ.

"ދަރިފުޅު ކާން ހަދާފައި ހުރީ......"

އަސަލް ފޯނު ބޭއްވިއެވެ.

"މަންމައަށް ތި ވާހަކަ އިވިއްޖެ. ދަރިފުޅަށް އެ ނޫހުގެ އިސްވެރިޔަކީ ކާކުކަން އެނގޭތަ؟ މަންމަ ގޮވައިގެން ފްރޮސްޓީ ކާން ގެންދާތަނުގައި ހުންނަ އަންހެންކުއްޖާގެ ބައްޕަ. ދަރިފުޅުގެ އަންބަކަށް އެފަދަ ރަގަޅުކުއްޖެއް ވުމަށް މަންމަ އަބަދުވެސް އެދެނީ. ޒުހަލްގެ ވާހަކަ އެމީހުންގެ ނޫހުގައި ޖެހިޔަސް އެތަނުގެ އިސްވެރިންގެ ކުށެއް އޮތްކަމަކަށް މަންމަ ނުދެކެން......." ކުބްރާ އާއްމުކޮށް އިށީދެ އޮށޯވެ ހަދާ ކައުޗްގައި އިށީދެ ބޯ ހޫރައިލިއެވެ."ޒުހަލް ސަލާމަތްވީ ހަމަ ކިރިޔާ. ﷲގެ ރަހުމަތްފުޅުން މަންމަގެ ދުޢާ އިޖާބަކުރައްވައިފި. އެކަމަކު މަންމަގެ ލޮލުގެ ކުރިމަތިން އެ މަންޒަރު ދުވަހަކު ފިލައިގެން ދާނެތަ؟"

"މަންމަ ގަވާއިދުން ބޭސްކެއީމަ ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ..." އަސަލް ކުޑަކޮށް ހީލިއެވެ.

***

ކާއިނާތު އޯޑަރުކުރި ސްމޫތީސް ތަށްޓާއި ބާގާ ގެނެސް ބެހެއްޓުމުން ކާއިނާތު ޝުކުރު އަދާކުރިއެވެ.

"އަހަންނަކީ އާޔާ....."

"އެހެންތަ؟" ކާއިނާތު ހައިރާންވިއެވެ. ކަޅުކުލައިގެ ހެދުމަކާއި ހަރުވާޅަކާއިއެކު ބުރުގާ އަޅާފައި ހުރި މި އަންހެންކުއްޖާއަކީ މީހުންގެ ލޯތައް ހުއްޓޭވަރުގެ ތަފާތު ރީތިކަމެއް ލިބިފައިވާ އަންހެންކުއްޖެކެވެ.

"ކާއިނާތުގެ ފޭންއެއް....."

"ވަރަށް އުފާވެއްޖެ.."ކާއިނާތު އާޔާއާއި ސަލާމްކޮށްލުމަށްފަހު އޭނައާއެކު ކެއުމަށް ދައުވަތުދިނެވެ. އިރުގަނޑެއްނުވަނީސް އަނގަ ތަޅަން ތިބިގޮތުން ހީވަނީ އެތައް ޒަމާނުއްސުރެ ދަންނަ އެކުވެރިންހެންނެވެ.

"ކާއިނާތުގެ ލިޔުންތައް ކިޔަން ފެށުމުން އެސްޓްރޮނޮމީއަށް ލޯބިޖެހިއްޖެ.އަދި ކުރީ ދުވަހު ކައުނު ނޫހުގެ ވެރިޔާއާއެކު މިތަނުގައި ވާހަކަދެއްކިއިރު އަޑުނާހަން މަސައްކަތްކުރިޔަސް ދެއްކި ވާހަކަތައް އިވުމުން އިންސްޕަޔާވި. ތެދަށް ބުނަންޏާ ކުރިންވެސް ގޭތެެރޭގައި ތަރިތައް ބެލުމާއި ތަރިތަކުގެ ދުނިޔޭގެ ވާހަކަ ދެކެވުނަސް އެކަމަށް ފޯރިއެއްނެތް. ކާއިނާތުގެ ވާހަކަ އިވުމުން ފަލަކީ އިލްމަކީ އަގުހުރި ކޮންމެހެން ދަސްކުރަންވީ އިލްމެއްކަން ވިސްނިއްޖެ....." އާޔާ ހިނިތުންވެލިއެވެ."ކީއްވެ އެސްޓްރޮނޯޓަކަށް ނުވީ؟"

"ހުވަފެން އެބަދެކެން. ހުވަފެން ދެކެ މަސައްކަތްކުރަންޏާ ނަސީބުވެސް ލައްވާނެ. ކުޑައިރުއްސުރެ އެކަމަށް އުއްމީދުކޮށް ހަމަ އެފަދަ ދުވަހަކަށް އިންތިޒާރު ކުރެވެނީ......"

"އެމީހުން ދެން ޖައްވަށް ދިޔުން ނޫންކަމެއް ނުކުރޭތަ؟" އާޔާ އެހިއެވެ.

"އެވެސް ސިވިލް ސާވެންޓުން. ސަރުކާރުގެ އެހެން މުވައްޒަފުން ފަދައިން ބައްދަލުވުންތަކަށް ގޮސް، ރިޕޯޓްތައް ލިޔެ އަދި ޓްރެއިނިން ސެޝަންތަކަށް ދާންޖެހޭ. ޖައްވަށް ދިޔައްޔާ ދެން ޖައްވީ އުޅަދުގައި މަސައްކަތްކޮށް ދޭތެރެއަކުން ޖައްވުގައި ހިނގައިލަން ދެވޭ. އެއީ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރަން ޖެހިއްޖެއްޔާ....."

"ވާއު......." އާޔާ ނިކަން ގަޔާވެފައި އިނެވެ.

"ސައިރަސް ދަންނަންތަ؟"

"ނޮޕް....އަނެއްހެން ނޭގޭ...."

"އަދި އެނގޭނެ...ބައެއްފަހަރު ހަނދުންވެސް އޭނަގެ ސޫރަ ފެންނަހެން ހީވޭ...އެހެރީނު. ހަނދަށް ބަލައިލަބަލަ...އިރުގަނޑެއްވަންދެން ބަލަން ހުރެއްޖެއްޔާ ސިފަވާނެ..." ކާއިނާތުގެ ނަޒަރު ހަނދަށް ހުއްޓުނެވެ. ފިނި ވައިރޯޅިއެއް އެކުދިންގެ ގައިގާ ބީހިލިއެވެ."ބައެއްފަހަރު ސައިރަސްއަކީ އިންސާނެއްބާވައޭވެސް ހިތަށް އަރާ.."

އިރުކޮޅެއްފަހުން އާޔާގެ ފޯނަށް އައި މެސެޖަކަށްފަހު މައުޟޫ ބަދަލުވިއެވެ.

"ޒުހަލް މަރުވީއޭ ކިޔާފައި ނޫހުގައި އޮތްވާ ދެކުނިން އެކަމަކު އޭނަ ނިޔާނުވާ ކަމަށް ފްރެންޑެއްބުނި.....ހޫމް މިއަންނަނީނު ލައި...މަގޭ އެންމެ ގާތް އެކުވެރިޔާ..ޑެވިލްގެ ނަން ކިޔާ އިރަށް އެތާ ހުންނާނެއޭ ބުންޏަސް ލައިއަކީ ހަމަ އެންޖެލްއެއްކަހަލަ ހިތެއް ލިބިފައިވާ ސާދާ ކުއްޖެއް..." ލައިކާ އަންނަ ތަން ފެނުމުން އާޔާ ހިނި އައެވެ.

"ލައިކާއަށް އާޔާ އައިސްކްރީމްއާއި ފްރޮސްޓީ މާ ގިނައިން ކާންދެނީ ދޯ. އެކަން ހުއްޓާލާފައި ކަސްރަތުކުރުވަން ގެންދަން ޖެހޭ. އޭގެފަހުން ލައިކާގެ ސްޓޯރީ ނޫހުހައި ޖެހީމަ އެހެން މީހުން އިންސްޕަޔާވާނެ..ސަތޭކަ ކިލޯއިން ސާޅީހަށް ދާއިރު ލޫޅާފަތިކަމުން އެހެން މީހުން ޖޭވެގެން މަރުވާނެކަން ޔަގީން.........." ކާއިނާތު ހިތަށް އެރި އެއްޗެއް ދިމާލަށް ބުނެލަން ފަހެއްނުޖެހޭނެއެވެ.

"ކާކު ޖޭވެގެން މަރުވީ؟ ހާދަ ވަސްގަނޑު ރަގަޅޭ...." ލައިކާ ނޭފަތް ދަމައިލިއެވެ.

"ކައި ނިމިއްޖެ. ހަކުރުނާޅާ ކަޅުކޮފީއެއް ލިބިދާނެ.."ކާއިނާތު ސީރިޔަސްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު