ޓެކްސް ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ މަންފާ ކުޑަވާނެ، މިކަން ފޫބައްދަން ޖެހޭ: ސިޔާމް

އެމްޑީއޭގެ ގައުމީ މަޖިލީހުގެ 2022 ވަނަ އަހަރުގެ ހަތަރުވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ މަންފާ ކުޑަވާނެ ކަމަށާއި އެކަން ފޫބައްދަން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހެޔޮ އަގު ދިނުމާ ގުޅޭ ގޮތުން ކޮންމެ ސަރުކާރަކުން ވެސް މަސްވެރިންނަށް އޮޅުވާލާފައިވާ ކަމަށެވެ.

"ޓެކްސް ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ މަންފާ އަނެއްކާވެސް ކުޑަވާނެ. އެހެން ކަމުން މިކަން ޕެޗް ކުރުމަށް ޚާއްސަ މޮޑެލްއެއް ބޭނުންވޭ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އެެހެން ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މިދިޔަ ބުދަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ.

އެ ޓެކްސްތައް ބޮޑުކުރުމާ ބެހޭ ގޮތުން ބައެއް ރަށްރަށުގެ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހއ. އިހަވަންދޫ ކައުންސިލުން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ވަނީ މިއީ މަސްވެރިންނާއި އެނޫން ވެސް މަސައްކަތް ކުރަމުން އަންނަ މީހުންނަށް ލިބޭ އާމްދަނީ މަދުވެ، މަސްވެރިކަން ކުރަން ބަންނަމުން އަންނަ ފައިބަރު ދޯނިފަހަރު ބަނުން ހުއްޓި، މަސްވެރި ދޯނިފަހަރަށް މަހަށް ނުފުރި، މަހުގެ އަގު ވެއްޓި، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެހެންކަމުން ޖީއެސްޓީ ބޮޑު ނުކުރުމަށް އެ ދެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މަސްވެރިން ބާނާ މަސް ކިރުމަށް ފަހު ފައިސާ ނުދީ ލަސްވާތީ މިދިޔަ ހޮނިހިރު ދުވަހު ލ. މާންދޫގައި ގިނަ އަދަދެއްގެ މަސްވެރިން އިހުތިޖާޖުކުރިއެވެ.

ހޮރައިޒަން ފިޝަރީޒްގެ އެންމެ ބޮޑު ފެކްޓަރީ ހުންނަ މާންދޫގައި މަސްވެރިން ފެށި މުޒާހަރާ ނިންމާލީ އެމީހުންގެ ޑިމާންޑުތައް ފުއްދައި ދޭން ހޮރައިޒަން ފިޝަރީޒްއިން އެއްބަސްވެ ފައިސާ ޖަމާކުރަން ފެށުމުން، މިދިޔަ އަންގާރަ ދުވަހުގައެވެ.

comment ކޮމެންޓް