ފޮޓޯ: ފޯބްސް.ކޮމް

ސިހުރު ހެދުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއްކަން ކަށަވަރެވެ.(ބަޤަރާ: 102) ހަލާކުކުރަނިވި ހަތްފާފައިގެ ތެރޭގައި ސިހުރު ހެދުން ހިމެނޭކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވިއެވެ.(متفق عليه) ސިހުރު ހަދާމީހާ ކާފަރުވާނެކަމަށާއި އެކަމުގެ އުޤޫބާތަކީ އޭނާ ޤަތުލު ކުރުންކަމުގައި ބައެއް އިލްމުވެރިން ވިދާޅުވެއެވެ. ސިހުރު ހެދުމުގެ އިތުރުން، އެކަން ދަސްކުރުމާއި ދަސްކޮށްދިނުމަކީވެސް ހަރާމް ކަމެއްކަމަށް އިލްމުވެރިން އިއްތިފާޤުވެއެވެ.

އިތުބާރު ހުރި މައުލޫމާތުން އެނގޭ ގޮތުގައި، ސިހުރުގެ ބޮޑު ފާފައަށް އަރައިގަނެ މީހުންނަށް ގެއްލުންދޭ ފަރާތްތައް މި މުސްލިމު މުޖުތަމައުގައިވެސް ހަރަކާތްތެރި ވަމުން ދެއެވެ. އެފަދަ މީހުން ﷲ އަށް ބިރުވެތިވެ، އެ ނުބައި އަމަލު ކުރުން ހުއްޓައިލައި ތައުބާވާން ޖެހޭނެއެވެ. ފާފަ ކުރުން މަތީ ދެމިހުއްޓައި މަރު އައިސް ބައްދަލުކުރުމުގެ ކުރިންނެވެ.

އެއްދުވަހަކު މަދީނާގެ އިރުމަތީ ފަރާތުގެ ސަރަހައްދަކުން ވަޑައިގެންނެވި ދެބޭފުޅަކު ދެއްވި ދެޚުޠުބާގެ އަޑު އައްސަވައި، މީސްތަކުން އަޖައިބުވެ އަންތަރީސް ވިއެވެ. ވާހަކަ ދެއްކެވުމުގައި ހުރި ބަލާޣާތްތެރިކަމާއި ބަޔާންކޮށްދެއްވި ގޮތުގެ ފުރިހަމަކަމުންނެވެ. މިކަމަށް އިޝާރާތްކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. 'ހަމަކަށަވަރުން، ދޫ ފަރިތަކަމާއެކު މީސްތަކުން އެއަށް ލެނބެވޭގޮތަށް ބަޔާންކޮށްދޭ ބަޔާންކޮށްދިނުމަކީ ސިޙުރެއްފަދަ އެއްޗެކެވެ.'(ބުޚާރީ: 5767) މި ހަދީސްފުޅުގައިވާ 'ސިޙުރު' މި ލަފުޒުން ދޭހަ ކޮށްދެނީ ކަމަކުން މީސްތަކުންނަށް ކުރާ އާދަޔާ ޚިލާފު އަސަރެވެ. މީސްތަކުން އޭގެ އަސަރުގައި ޖެހި އެއަށް ލެނބިގެންދާލެއް ބޮޑުކަމެވެ. މި ލިޔުމުގައި ހިމަނައިލާފައިވާ ކަންތައްތަކާމެދު ވިސްނައިލުމަށްފަހު، ލިޔުމުގެ އެންމެ ފަހު ޕެރެގުރާފު ކިޔައިލާށެވެ. 'ހަލާލު' ސިހުރަކީ ކޮބައިކަން އެނގިދާނެއެވެ.

ކޮންމެ މީހަކާ ބައްދަލުވިނަމަވެސް، އިޚުލާސްތެރި ހިތަކާއެކު އޭނާގެ ކުރިމަތީގައި ހިނިތުންވެލާށެވެ. އެއީ ހަގީގީ ހިނިތުންވުމަކަށްވާންވާނެއެވެ. ހިތުގައި ރުޅިވެރިކަން ބާއްވައިގެން 'ގަދަކަމުން' ވާ ހިނިތުންވުމެއްނޫނެވެ. މީހަކާ ބައްދަލުވުމުން އޭނާއަށް އެންމެ ރީތި ސަލާމުން ސަލާމް ކުރުމަށް ހަނދާން ކުރާށެވެ. މެހުމާންދާރީ އަދާކުރަންޖެހޭ ފަދަ ހާލަތެއްނަމަ، ތިބާއަށްވީ އެންމެ ފުރިހަމަ ގޮތެއްގައި މެހުމާންދާރީ އަދާކޮށް މަރުޙަބާ ކިޔާށެވެ. މީހަކާ ބައްދަލުވުމަށްފަހު ވަކިވާ ވަގުތު އޭނާއަށާއި އޭނާގެ އާއިލާގެ މީހުންނަށް ހެޔޮ ދުޢާ ކޮށްދޭށެވެ. އަދި ފަހުންވެސް ބައްދަލުވާން އެދޭކަން ހާމަކުރާށެވެ.

ދުވަސްވީ މީހުންނަށް އިޙުތިރާމު ކުރާށެވެ. ކުޑަކުދިންނަށް ރަޙުމު ކުރާށެވެ. ތިބާގެ ކިބައިގައި ހުރި ޢައިބެއް މީހަކު ބުނެދީފިނަމަ އުފަލާއެކު އެކަން ބަލައިގަންނާށެވެ. އެބަހީ: އެކަމާމެދު ވިސްނައި އެކަމެއް ރަނގަޅުކުރުމަށް މަސައްކަތް ކުރާށެވެ. ވާހަކަ ދެއްކުމުގައި އަޑު ގަދަކުރުމާއި އެހެން މީހުންނަށް އުނދަގޫވެދާނެ ކަންކަން ކުރުމުން ރައްކާތެރި ވާށެވެ. ހަޑި ހުތުރު ބަހުން ވާހަކަ ނުދައްކާށެވެ! ކުށެއް ކުރެވިއްޖެނަމަ އެކަމަށް މަޢާފަށް އެދޭށެވެ. އަދި ބަދަލު ދޭންޖެހޭ ކަމެއްނަމަ އޭގެ ބަދަލުވެސް ދޭށެވެ.

ޢިއްޒަތްތެރީންނަށް ޢިއްޒަތް ދޭށެވެ. އެހެންމީހުންގެ ކުށްތައް އިސްލާހު ކުރުމުގައި، ޙިކުމަތްތެރިކަމާއެކު އެމީހުންނަށް އެހީތެރިވެދޭށެވެ. މީހުންނަށް ނަސޭހަތްތެރިވުމުގައި ޙިކުމަތްތެރިގޮތް ބޭނުންކުރާށެވެ. ދެއްކުންތެރިކަމުން ރައްކާތެރިވެ ހުރެ، (ވީ ވަރަކުން) ބޭނުންޖެހިފައިވާ ފަރާތްތަކަށް ހޭދަކުރާށެވެ. ގާތް ތިމާގެ މީހުން އެ މަގާމުގައި ތިބިނަމަ އެމީހުންގެ މައްޗަށް ހޭދަކުރުން އައުލާވެގެންވެއެވެ. އަނިޔާއެއް ދީފި މީހަކަށް މަޢާފު ކުރާށެވެ. ރަޙިމުގެ ގުޅުންތައް ދަމަހައްޓާށެވެ. އެބަހީ: އާއިލީ ގުޅުންތައް ދަމަހައްޓާށެވެ. އާއިލާގެ މީހުންނަށް އެންމެ ބޮޑަށް ހެޔޮކޮށް ހިތާ މީހަކީ ތިޔައީކަމަށް ވޭތޯ މަސައްކަތް ކުރާށެވެ.

މީސްތަކުންގެ ހައްގުތައް އަމާނާތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް އަދާކުރުމުގައި ދެމިހުންނާށެވެ. ޖާއިޒުނޫން ގޮތެއްގައި މީހެއްގެ ހައްގަކަށް އަރައިނުގަންނާށެވެ. ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވެދޭށެވެ. ތިބާއަށް ވީވަރަކުންނެވެ. އެމީހުން އެހީތެރިކަން ބޭނުންވެދާނެ ގޮތްތައް ބަލައި އެކަންކަމަށް ސަމާލުކަން ދީގެންނެވެ. އުނދަގޫ ހާލަތްތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ތިބާގެ ރަޙުމަތްތެރިޔާއަށާއި އަވަށްޓެރިޔާއަށް ކަމޭހިތާށެވެ. މުޖުތަމައަށް ފައިދާކުރަނިވި ކަންކަމުގައި ހަރަކާތްތެރިވާށެވެ. ހެޔޮކަމުގެ މަގުގައި ތިބާ އަޅާ ކޮންމެ ފިޔަވަޅަކާއެކު .... މާތްﷲ ތިބާގެ ގަދަރު އުފުއްލަވާނެކަން ޔަގީންކުރާށެވެ.

ނަތީޖާ:

މަތީގައި ބުނެވިދިޔަ ކަންތައްތައް ކުރުމުގައި ދެމިހުރުމުގެ ނަތީޖާއަކަށްވާނީ އެމީހަކާމެދު މީސްތަކުންގެ ހިތުގައި ޝައުގުވެރިކަމާއި ލޯބި އުފެދުމެވެ. އެއީ މީސްތަކުންގެ މެދުގައި މަގުބޫލު މީހަކަށް ވުމެވެ. އެމީހާ އެކުރާ ކަންތައްތައް އެއީ މީސްތަކުންގެ ލޯބި ހޯދުމަށް ހެދޭ ސިހުރެއް ފަދައިންވެ، އޭގެ ހެޔޮ އަސަރުތައް އިސާހިތަކު ފެންނަންފެށުމެވެ. ސުރުޚީގައި ބުނެފައި އެވާ 'ސިހުރު' ގެ މާނައަކީ މިއީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް