ރައީސް ނަޝީދަށް ސަރުކާރުން "ނޯ ކޮމެންޓް"!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަދި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު --- ފޮޓޯ/ މިއުވާން

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވީ ވަރަށް ހަނި އަޣްލަބިއްޔަތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ސަރުކާރުން ދޭނެ ރައްދެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރުމަށް ހުށަހެޅި ބިލް އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް އެ ބިލް ފާސްވި ނަމަވެސް، އެކަންވީ ވަރަށް ހަނި އަޣްލަބިއްޔަތަކުން ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދެއްކެވި ވާހަކަފުޅުތަކަށް "ކޮމެންޓް" ނުކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދެއްކެވި ވާހަކަފުޅުތަކަށް އަޅުގަނޑު ކޮމެންޓެއް ނުކުރާނަން. ހަނި އަޣުލަބިއްޔަތެއްތޯ ނުވަތަ ނޫންތޯ އަޅުގަނޑަށް ހީވަނީ ނަންބަރުން ވެސް ފެނިވަޑައިގަންނަވާނެހެން." މިއުވާން ވިދާޅުވިއެވެ.

ބިލާ މެދު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ތެރޭގައިވެސް ދެބަސްވުންތަކެއް އުފެދުނުއިރު، ބިލް ފާސްކުރުމުގެ ކުރިން ދެ ދުވަހެއްގެ މަތިން ވޯޓަށް ނާހައި ޖަލްސާ ނިންމާލި މައްސަލަ ހޫނުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރައީސްގެ ސަމާލުކަމަށް އެކަން ގެންނެވުމުން ރައީސް ނަޝީދު ވަނީ މެމްބަރުންނަށް މަލާމާތުގެ ރައްދެއް ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ މެމްބަރުން މެންދުރު ގަޑީގައި މުލިއާގެއަށް ވަޑައިގަތީ މެންދުރުގެ ފަރިއްކޮޅުގައި ބައިވެރިވެލެއްވުމަށް ކަމަށެވެ.

"ޔަގީން އެހެންވީމަ އެއީ ގަރުދިޔަ އާއި ބަތާ ކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެކްސް ބޮޑުކުރަން ބޭނުންނުވި މެމްބަރުން ފާހަގަކުރެއްވި ނުކުތާތަކަށް ބައްލަވައި، އެ ބިލަށް އަމަލުކުރުމުގައި ވިސްނުންތެރިކަމާއެކު ސަރުކާރުން އަމަލުކުރާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފައިވާއިރު، ރައީސް ބިލް ތަސްދީގުކުރެއްވުމާއެކު އަންނަ އަހަރުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށާނެއެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވީ އެމްޑީޕީގެ، ރައީސް ޞާލިޙުގެ ފެކްޝަންގެ މެމްބަރުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މެމްބަރުންނާއި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަންގެ މެމްބަރުންނެވެ.

comment ކޮމެންޓް