ޓްވީޓްކުރީ ކޮން ވައްތަރެއްގެ ފޯނަކުންކަން އަންގައިދޭ ފީޗާ އުނިކުރަނީ

ޓްވީޓް ކުރުމަށް ބޭނުންކުރާ ޑިވައިސް ނުވަތަ ފޯނުގެ ބާވަތް ދެނެގަންނަ ފީޗާ ޓްވިޓާއިން އުނިކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އީލޯން މަސްކް ބުނެފިއެވެ.

ޓްވިޓާގައި މިހާރު ބޭނުންކުރާ އެ ފިޗާއިން އައިފޯނަކުން ނުވަތަ އެންޑްރޮއިޑް ޑިވައިސްއަކުން ޓްވީޓެއް ކޮށްފިނަމަ އެޑިވައިސްގެ ނަން ނުވަތަ އޯއެސްގެ ނަން އަރައެވެ.

ނަމަވެސް މަސްކް ދާދި ފަހުން ކުރި ޓްވީޓެއްގައި ވަނީ ކޮންމެ ޓްވީޓެއްގެ ތިރީގައި، އެއީ ކޮން ވައްތަރެއްގެ ފޯނަކުން ކޮށްފައިވާ ޓްވީޓެއްކަން އަންގައިދޭން ހުންނަ ފީޗާ އުވާލާނެ ކަމަށެވެ. އޭނާ އެ ފީޗާ ސިފަކޮށްފައިވަނީ ސްކްރީންގެ ހުސްތަން ބޭކާރު ގޮތުގައި ބޭނުން ކުރާ ފީޗާއެއްގެ ގޮތުގައެވެ.

ޓްވިޓާގެ ވެބްސައިޓުގައިވާ ގޮތުން އެ ފީޗާގެ ބޭނުމަކީ ޓްވީޓް ކުރި މީހާއާއި އޭނާއާ ދެއްކި ވާހަކައަކާ ބެހޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމެވެ.

އެ ފީޗާގެ ސަބަބުން، އެންޑްރޮއިޑް އިޝްތިހާރު ކުރާ ބަޔަކު އައިއޯއެސް ޑިވައިސްތައް ބޭނުން ކުރާކަން މީގެ ކުރިން ފަޅާއަރާފައިވެއެވެ.

ޓްވިޓާ ހަވާލުވުމަށް ފަހު މަސްކް އަދިވެސް ދަނީ އެ ޕްލެޓްފޯމްގައި ފޭކް އެކައުންޓުތައް މަދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި އޭނާ އިއުލާން ކުރި އެއް ކަމަކީ، ޓްވިޓާގައި ހަރަކާތްތެރިވާ ބޮޑު ކުންފުނިތަކާއި ޖަމިއްޔާތަކަށް އެ ބަޔަކާ ގުޅުން ހުރި ޓްވިޓާ އެކައުންޓުތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ ގޮތެއް ތައާރަފު ކުރާނެ ކަމަށެވެ.

ޓްވިޓާގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދާދި ފަހުން އިއުލާންކުރި، އަށް ޑޮލަރުގެ ބްލޫ ޗެކް ސަބްސްކްރިޕްޝަން ޚިދުމަތް މަޑުޖައްސާލަން ޖެހުނީ ފޭކް އެކައުންޓްތައް އިތުރުވުމުންނެވެ. އެގޮތުން ބްލޫ ޗެކް ގަތުމަށް ފަހު، ބައެއް އެކައުންޓުތަކުން ވަނީ އެ އެކައުންޓުތަކުގެ ނަން މަޝްހޫރު މީހުންނާއި ބޮޑެތި ކުންފުނިތަކުގެ ނަމަށް ބަދަލުކޮށް، ސައްހަ ނޫން މައުލޫމާތު ހިމެނޭ ޓްވީޓުތަކެއް ކޮށްފައެވެ.

ބައެއް މީހުން ވަނީ މަސްކްގެ ޓެސްލާ އާއި ސްޕޭސްއެކްސްގެ އިތުރުން ރޮބްލޮކްސް، ނެސްލޭ އަދި ލޮކްހީޑް މާޓިން ފަދަ ދުނިޔޭގެ ނަންހިނގާ ބްރޭންޑްތަކުގެ ފޭކް އެކައުންޓުތައް ވެސް ހަދާފައެވެ.

comment ކޮމެންޓް