ވުނަދާނަ ފެސްޓިވަލްއިން ހޮވާ ނަސީބުވެރިއަކަށް ރަށަކަށް ދާން ދެކޮޅު ޓިކެޓު ދެނީ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ވުނަދާނަ ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ "ވުނަދާނަ ފެސްޓިވަލް"ގެ ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް، އެމީހަކު ބޭނުން ކޮންމެ ރަށަކަށް ދާން ދެކޮޅު ޓިކެޓު ދޭން ނިންމައިފިއެވެ.

މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ފެށި މި ފެސްޓިވަލް މިރޭ 11:00އާ ހަމައަށް ކުރިއަށްގެންދާނެއެވެ. އެ ފެސްޓިވަލްގައި މާލޭ ސަރަހައްދުން ޖުމުލަ 56 ވިޔަފާރި ބައިވެރިވެފައިވެއެވެ.

އެ ފެސްޓިވަލްގެ ލަކީޑްރޯގައި ބައިވެރިވެވޭނީ ބީސީސީގެ ސްޓޯލަށް ގޮސް، ކޫޕަނެއް ފުރުމުންނެވެ. އެ ލަކީޑްރޯގެ ނަސީބުވެރިޔާ ހޮވާނީ ފެސްޓިވަލް ނިންމާލުމުގެ ގޮތުން، 10:45ގައެވެ.

ބީސީސީގެ ހެޑް އޮފް އައުޓް ރީޗް އިބްރާހިމް ޒިއާއު މުހައްމަދު "ސަން"އަށް ވިދާޅުވީ އެ ލަކީޑްރޯގެ ބޭނުމަކީ ފެސްޓިވަލްއަށް ޒިޔާރަތްކުރާ މީހުންނަށް ފެސްޓިވަލްގެ ސަބަބުން މަންފާއެއް ހޯދައިދިނުން ކަމަށެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ވުނަދާނަ ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"ވުނަދާނަ ފެސްޓިވަލް"ގެ މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމެވެ. އަދި މި ފެސްޓިވަލްއިން އާންމުންނަށް އެއް ތަނަކުން މިފަދަ ގިނަ ވިޔަފާރިތައް ފެންނާނެ ކަމަށް ބީސީސީއިން ބުންޏެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް ހޯދައިދީ އެކްސްޕޯޝާ ރައްޔިތުންގެ ތެރޭގައި ބޮޑުކުރަން ބޭނުން ވާތީ މި ފެސްޓިވަލް ބާއްވަނީ،" ޒިޔާއު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މިއަދު ހަވީރު އެ ފެސްޓިވަލްއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ފެސްޓިވަލްގައި ބަހައްޓާފައި ހުރި އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ވުނަދާނަ ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ކުދި ވިޔަފާރިތަކުގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ވިޔަފާރިތަކާ ގުޅުންހުރި އެހެން ކުންފުނިތަކުން ވެސް މި ފެސްޓިވަލްގައި ބައިވެެރިވެއެވެ. އަދި ކުދި ވިޔަފާރިތައް ފުޅާކުރަން ހުރި ފުރުސަތުތަކާއި މައުލޫމާތު މި ފެސްޓިވަލްގެ ތެރެއިން ފޯރުކޮށްދެއެވެ.

ބީސީސީއިން ވަނީ ގެވެށި ވިޔަފާރިތަކަށް އަމާޒުކޮށްގެންވެސް މިފަދަ ފެސްޓިވަލްއެއް ބާއްވާފައެވެ. އެ ހަރަކާތަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށް ބީސީސީއިން ބުންޏެވެ. އެ ފެސްޓިވަލްއަށް ލިބުނު ތަރުހީބަށް ބަލައި، މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ގިނަ ފަރާތްތަކުން އެދިފައިވާކަމަށްވެސް ބީސީސީއިން ބުނެއެވެ.

comment ކޮމެންޓް