ޓޭޒާ ގަން ބޭނުންކުރަން ފުލުހުން ތައްޔާރުވެއްޖެ

ކުށްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންކުރާ ތަފާތު އުކުޅުތަކުގެ ތެރެއިން ޓޭޒާ ގަން ނުވަތަ ކަރަންޓު ބަޑި ބޭނުންކުރަން ފުލުހުން ތައްޔާރުވެއްޖެއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ވަނީ ޓޭޒާ ގަން ބޭނުންކުރާ ގޮތް ދައްކައިލައިފައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޓޭޒާ ގަން ބޭނުންކުރަން ފުލުހުން ތައްޔާރުވަމުން އަންނައިރު އެ ބޭނުންކުރެވޭނެ ހާލަތްތަކާއި ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލަމުން އަންނަކަމަށެވެ. އަދި ޓޭޒާގަން ތައާރަފްކުރުމުގެ ބޭނުމަކީ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ކުށުގެ ވެށިން މީހަކު ހައްޔަރުކުރުމުގައި ފުލުހުންނަށް ހާލަތާ އެކަށީގެންވާ ގިނަ ގޮތްތަކެއް ފަހިކޮށްދިނުންކަމަށް ސީޕީ ވިދާޅުވިއެވެ.

ޓޭޒާ ގަން ބޭނުންކުޜާނެ ގޮތުގެ ޑެމޯއެއް ދެއްކުން -- ސަން ފޮޓޯ

"ޓޭޒާ ގަން ބޭނުންކުރުން މާ ރައްކާތެރި މުގުރަކުން ގޮސް ޖެހުމަށްވުރެ. ޕެޕާ ސްޕްރޭޖެހުމަށްވުރެ ވެސް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ފުލުހުން ބުނީ ސްޓޮކްގައި މިވަގުތު 25 ޓޭޒާ ގަން އޮތް ކަމަށެވެ. އަދި އެ ގަން ބޭނުންކުރާނީ ސާޖެންޓު ރޭންކުން މަތީގެ ފުލުހުން ކަމަށާއި އެމީހުން ފަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޓޭޒާ ގަން ބޭނުންކުރާނީ މިހާރު ފުލުހުން ބޭނުންކުރާ ބޮޑީ ކެމެރާއާއެކު ކަމަށެވެ. އަދި ޓޭޒާ ގަން އެކްޓިވޭޓްވުމާއެކު އެ ފުލުހެއްގެ ބޮޑީ ކެމެރާ އާއި އެ ސަރަހައްދުގައި ތިބި އެހެން ފުލުުންގެ ބޯޑީ ކެމެރާތައް ލައިވްވާނެ ކަމަށް ފުލުހުން ބުންޏެވެ.

ޓޭޒާ ގަން މީހެއްގެ ގަޔަށް ޖެހުމުން ކަރަންޓު ޝޮކެއް ފޮނުވައިލައި ފަސް ސިކުންތަށް އެ މީހަކު ޕެރެލައިޒްކޮށްލާނެއެވެ. ނަމަވެސް އޭގެ ބުލެޓް އެ މީހެއްގެ ގައިން ނުނައްޓައި އަލުން ގަން ޓްރިގާކޮށްފިނަމަ އިތުރު ފަސް ސިކުންތު އިތުރުވެއެވެ. މީގެ ސަބަބުން ފުރާނައަށް ނުރައްކާވާ އެއްވެސް އަނިޔާއެއް ނުލިބޭނެ ކަމަށް ފުލުހުން ބުންނެވެ.

ފުލުހުންގެ ޚިދުމަތުން ޓޭޒާ ގަން ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅެވެ.

comment ކޮމެންޓް