އިމާރަތް ކުރުމުގައި ތިމާވެއްޓާާ ރައްޓެހި ގޮތްތައް ހޯދައި ބޭނުން ކުރަން ޖެހޭ: ނައިބު ރައީސް

(އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައީބު ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިމާރާތް ކުރުމުގެ ސިނާއަތުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި ބޭނުން ކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭނެ އެންމެ ބޮޑު ހިއްސާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައީބު ރައީސް ވިދާޅުވީ އިމާރާތް ކުރުމުގައި ބޭނުންކުރާ ތަކެއްޗަކީ ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭ އެއްޗެއް ކަމުގައި ހެދުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިމާރަތް ކުރުމާއި އަދި އެކަށޭނަ ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެހެންމެ، ރާއްޖޭގެ ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސްގެ ވާހަކަފުޅުގައި އެ ކޮންފަރެންސްގެ ޝިއާރު ކަމަށްވާ "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިންގް އަ ބެޓާ ވޯލްޑް'އާ ބެހޭގޮތުންވެސް ވާހަކަ ދެއްކެވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ގޮތުގައި ވެހިރާއްޖެއަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދަންޖެހޭކަމަށާއި އަދި ރާއްޖޭގައި ޢިމާރާތްކުރުމުގެ ޞިނާޢަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލްއަށް އިޝާރަތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރިގެން ދިޔައިރު ފާއިތުވި އަހަރުތަކުގައި، ރެސިޑެންޝަލް، ކޯޕަރޭޓް އަދި އިންޑަސްޓްރިއަލް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި ރާއްޖޭގެ ޓޫރިސްޓު ރިޒޯޓްތަކުގެ ފެންވަރާއި ފަރުމާތަކަށްވެސް އެމަނިކުފާނު ވަނީ ތައުރީފް ކުރައްވާފައެވެ.

އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތު. ---- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސްގެ ވާހަކަފުޅުގައި ދިވެހި ފަންނާނުންނާއި ޑިޒައިނަރުންނާއި ކޮންޓްރެކްޓަރުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އަލަށް ބިނާކުރެވޭ ރިސޯޓްތަކުގައި އީޖާދީ އައުކަންކަން ފެންނަމުން ދާކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވަނީ އެހެން ޤައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ކުންފުނިތަކަށް ހޯދުމަށް އެދިފައެވެ.

comment ކޮމެންޓް