އާރުޓީއެލް ސްޕީޑް ފެރީތައް ޅ. އަތޮޅަށް, މާދަމާ ދަތުރުތައް ފަށާނެ

ޅ. އަތޮޅަ ގުޅާލުމަށް އެ އަތޮޅަށް ފޮނުވުމަށް ތައްޔާރުކޮށްފައި އޮތް ދެ ލޯންޗު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރުޓީއެލް)ގެ ޚިދުމަތް ޅ. އަތޮޅުގައި ފެށުމަށް ބޭނުންވާ ފެރީތައް މިއަދު އެ އަތޮޅަށް ފޮނުވައިފިއެވެ.

އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ މިއަދު ވިދާޅުވީ, ޅ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ދެ ލޯންޗް މިއަދު މެންދުރުފަހު މާލެ އިން އެ އަތޮޅަށް ފުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ޕްލޭން ކޮށްގެން މިތިބީ މާދަމާ މެންދުރުފަހުން ފެށިގެން ޅ. އަތޮޅުގެ ދަތުރުތައް ފައްޓަން," ޝާހިދު ވިދާޅުވިއެވެ.

އާރުޓީއެލް ފެރީއަށް އަހުލުވެރިކުރުމަށް ފުރަތަމަ ހަފުތާގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީ އެއް ނުނަގައެވެ. އެ ދަތުރުތައް ކުރެވޭނީ ކައުންސިލްގައި ނަން ނޯޓު ކުރުމަށްފަހުއެވެ. ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު ދަތުރުވެރިންގެ އަތުން އަގު ނަގަން ފަށާނީ ހަފުތާއެއް ފަހުންނެވެ.

"ތިން އަހަރާއި ޚާއްސަ އެހީއަށް ބޭނުންވާ ފާރަތްތަކަށް ދަތުރުތައް ކުރެވޭނެ ހިލޭ," ޝާހިދު ވިދާޅުވިއެވެ.

ތިން ރޫޓަކަށް ބަހާލައިގެން ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި އެއް ރޫޓް ޚާއްސަކޮށްފައިވަނީ އެއާޕޯޓްގެ ދަތުރުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެސްޓް ދަތުރުތަކަށްފަހު ރޫޓްތަކަށް ކުދިކުދި ބަދަލު އަތުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ފަށާފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅަށެވެ. އެ ބޮޅަށް ޅ. އަތޮޅު އިތުރުވުމުން މިއީ ޚިދުމަތް ދޭންފަށާ ހަތަރު ވަނަ އަތޮޅެވެ.

comment ކޮމެންޓް