އެންމެ ގިނައިން ސިމް ހުރީ ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި: ސީޕީ ހަމީދު

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެންމެ ގިނައިން ސިމް ހުރީ ރާއްޖޭގައި މިހާރު ނޫޅޭ ބިދޭސީންގެ ނަމުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި މީހުންގެ ތެރޭގައި ޓޮޕް ފަހެއްގައި ގައި ތިބީ ބިދޭސީން ކަމަށެވެ. އަދި އެއީ މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު. އެއީ ކުރިން ރާއްޖޭގައި އުޅެފައި މިހާރު ނޫޅޭ މީހުން. ކުށްކުރުމަށާއި ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެންމެން އެ ބޭނުންކުރާނެ،" އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސީޕީ ވިދާޅުވީ އެނގޭ ވަރަކުން އެ ކަންކަމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން ޖަލުތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ޓެލެކޮމިއުނިކޭޝަން ސާވިސަސް ޕްރޮވައިޑަރުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސީޕީ ހަމީދު ވަނީ އެކަން ކުރުމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ސީޕީ ވިދާޅުވި ގޮތުގައި ސިމްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

އޭގެ ތެރޭގައި ސްކޭމް ކޯލްތައް ހުއްޓުވުމަށް 3،130 ފިޔަވަޅެއް އަޅައި 2،796 ސިމް ކާޑު ފުލުހުން މެދުވެރިވެގެން ކަނޑާލައިފައިވާ ކަމަށާއި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރުމުގެ އިތުރުން އަށް އައިޕީ އެޑްރެސް ބްލޮކް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އޮންނައިރު، ޒާތީ މައުލޫމާތުތައް ރައްކާތެރި ނުކުރެވުމަކީ ވެސް އަވަހަށް މައްސަލަ ހައްލުކުރަން އޮތް ހުރަހެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

އެކަމަށްޓަކައި މުވާސަލާތީ ޚިދުމަތް ދޭ މީހުންނާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީހުން އަތުން އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ފޯން ކޯލުތަކާއި މެސެޖުގެ ޒަރިއްޔާއިން ފޮނުވާ ލިންކުތަކުގެ މައްސަލައަކީ މިހާރު ވެސް ރާއްޖޭގައި ބޮޑު މައްސަލައެކެވެ.

comment ކޮމެންޓް