ފާއިތުވި ހަތަރު އަހަރު ހަށިވިއްކުމުގެ 58 މައްސަލައެއް ތަހުގީގުކޮށްފައިވޭ: ސީޕީ ހަމީދު

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފާއިތުވި ހަތަރު އަހަރު ހަށިވިއްކުމުގެ ޖުމްލަ 58 މައްސަލައެއް ތަހުގީގުކޮށްފައިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ ހަށިވިއްކުމުގެ މައްސަލަތަކަކީ ދޫކޮށްލެވިފައިވާ މައްސަލައެއް ނޫން ކަމަށެވެ.

އެގޮތުން، މާލޭގައި ހިންގާ ސްޕާ ސެންޓަރު ފަދަ ތަންތަނަކީ އެކަމަށް އޮންނަ އުސޫލުގެ ދަށުން ހިންގޭ ތަންތަން ކަން ކަށަވަރުކުރުމަށް ކަމާ ބެހޭ މުއައްސަސާ ތަކާ ގުޅިގެން ކައިރިން ބަލަމުން އަންނަ ކަމަށާއި ފާއިތުވި ހަތަރު އަހަރު އެފަދަ 58 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ކުށްތަކުގައި 140 މީހުން ހައްޔަރުކޮށްފައިވާއިރު، 84 މީހަކު ޑީޕޯޓް ކޮށްފައިވާ ކަމަށާއި ފުލުހުންގެ އިސްނެގުމުގެ މަތިން އެފަދަ ތަންތަނަށް ޚާއްސަކޮށްގެން އެތައް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު މީސްމީޑިއާ މެދުވެރިކޮށް ހަށިވިއްކުން އިޝްތިހާރު ކުރަމުންދާއިރު އެކަން ކުރަނީ ސީދާ ވަކި ކޮން ބައެއްކަން ދެނެގަންނަން ދަތި ނަމަވެސް، އެކަމުގެ މައްޗަށް ދިރާސާތަކެއް ކުރެވެމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ބޭރު ގައުމުތަކަށް ނިސްބަތްވާ އެފަދަ މީހުން ރާއްޖެ އެތެރެވުން ގިނަވެފައިވަނީ ކޮވިޑަށް ފަހު ފަސޭހައިން ރާއްޖެ އެތެރެވެވޭނެހެން ބޯޑަރު ހުޅުވާލާފައި އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއްވެސް ހާލެއްގައި މިފަދަ މައްސަލަތައް ގާތުން ނުބަލައި ދޫކޮށްނުލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް މާލޭގައި ހިންގާ ބައެއް ސްޕާތަކުން އަންނަނީ ފާޅުކަން ބޮޑުގޮތެއްގައި ހަށިވިއްކުން ޕްރޮމޯޓްކޮށް އެފަދަ އިސްތިހާރުތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ. ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، އާންމުންވެސް އަންނަނީ މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހަށިވިއްކުން ފަދަ ފާހިޝް އަމަލުތަކަށް މަގުފަހިވާގޮތަށް މީސްމީޑިއާ ބޭނުންކުރަމުންދާއިރު، ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އެފަދަ މީހުންނާ މެދު އަޅާފައިނުވާ ކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް