ހައްޖާއި އުމްރާގެ ބިލް އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ބަޔަކު އުމްރާއަށް ފުރަނީ - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މީހުން ގެންދިއުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން، ހައްޖާއި އުމްރާއާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި ބިލް މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި ބިލުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި, ހައްޖު ކޯޕަރޭޝަނާއި ހައްޖާއި އުމްރާގެ ޚިދުމަތް ދޭ އަމިއްލަ ކުންފުނިތަކުން ހައްޖަށް މީހުން ގެންދިޔުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ހައްޖު ކޯޕަރޭޝަންގެ މަސްއޫލިއްޔަތުތައް ހިމެނެއެވެ.

ހަމައެއާއެކު، ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ގޮތެއްގައާއި އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޯށްދެމުން ގެންދިޔުމުގެ ބޭނުމުގައި، ހާއްޖާއި އުމްރާގެ ފަންޑެއް ގާއިމްކުރުމާއި އެ ފަންޑަށް ޖަމާކުރެވޭ ފައިސާ އިންވެސްޓް ކުރުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، ހައްޖާއި އުމްރާގެ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ހުއްދަ ދިނުމާއި، ހުއްދަ ހިފެހެއްޓުމާއި، ހުއްދަ ބާތިލްކުރުމާ ގުޅޭ އާންމު އުސޫލުތަކާއި، އެފަރާތްތަކުން ހައްޖާއި އުމްރާވެރިންނަށް ދިނުން ލާޒިމް ޚިދުމަތްތަކާއި އިންތިޒާމްތަކުގެ އިތުރުން، އެފަދަ ޚިދުމަތްތަކާއި އިންތިޒާމްތަކުގައި ހުންނަންވާނެ އަސާސީ މިންގަނޑުވެސް މި ބިލުގައި އެކުލެވިގެންވެއެވެ.

އޭޖީ އޮފީހުން ބުނީ ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ގާނޫނާ ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ގޮތްވެސް މި ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

comment ކޮމެންޓް