މޯލްޑިވިއަނުން ގަތް ބޯޓުތައް ގެނައުން ލަސްވެ، ވަގުތީ ގޮތުން ބޭނުން ކުރާނެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އިން ގެނައި ބޯޓު --- ފޮޓޯ/ ހޫގޯ

ފިނި މޫސުމާ ދިމާކޮށް، ގައުމީ އެއާލައިން 'މޯލްޑިވިއަން'ގެ އޮޕަރޭޝަންތަކަށް ގަތް ބޯޓުތައް ގެނައުން ލަސްވުމާ ގުޅިގެން ވަގުތީ ގޮތުން ބޭނުން ކުރާނެެ ބޯޓެއް ގެނެސްފިއެވެ.

ފަތުރުވެރިކަން އެންމެ ރަނގަޅުވާ ސީޒަނާ ދިމާކޮށް މޯލްޑިވިއަނުން ގެންނަން ނިންމާފައިވަނީ އޭޓީއާރު 600-72 ސީރީޒްގެ ދެ ބޯޓާއި އޭޓީއާރް 600-42 ސީރީޒްގެ ޓާބޯޕްރޮޕް މަރުކާގެ ބޯޓެކެވެ. ނަމަވެސް އެ ބޯޓުތައް ލިބޭނީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް ވުމާއެކު މިވަގުތަށް، ވަގުތީ ގޮތުން ބޭނުން ކުރާނެ ބޯޓެއް ވަނީ ގެނެސްފައެވެ.

އެކަމާ ގުޅިގެން އައިލެންޑްއޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނީފާ ވިދާޅުވީ އެ ބޯޓަކީ މިއަހަރަށް ގެންނަން ޓާގެޓްކުރި ބޯޓުތައް އައުން ލަސްވުމުގެ ސަބަބުން ގެނައި ބޯޓެއް ކަމަށެވެ.

"ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް، އަދި ސީޒަނަށް ކޭޓާ ކުރެވޭ ވަރަށް ތައްޔާރުވުމުގެ ގޮތުން، ދުރާލާ ރާވައިގެން ގެންނަ ބޯޓުތަކެއް މިއީ. ނަމަވެސް އެ ބޯޓުތައް ލިބޭނެ ކަމަށް ބެލެވެނީ ޑިސެމްބަރު މަހުގެ ކުރީކޮޅު. އޭރު ސީޒަން ފެށިފަ އޮންނަނީ. އެހެން ވީމަ އެ ބޯޓުތައް ގެންނަންދެން ވަގުތީ ގޮތުން ބޭނުން ކުރާނެ ބޯޓެއް މިހާރު މި ގެނައި،" ޖެނީފާ ވިދާޅުވިއެވެ.

ޖެނީފާ ވިދާޅުވީ ވަގުތީ ގޮތުން ބޭނުން ކުރުމަށް ގެނެވުނީ އެއް ބޯޓު ނަމަވެސް ޑިމާންޑު އިތުރުވަމުންދާ ނަމަ ވަގުތީ ގޮތުން ބޭނުން ކުރުމަށް އިތުރު ބޯޓު ގެންނާނެ ކަމަށެވެ.

ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހައި ސީޒަނެވެ. ރާއްޖޭގެ ޓޫރިޒަމް ސީޒަން ފެށުމާ ދިމާކޮށް އާއްމުކޮށް ރާއްޖެއަށް ދަތުރުނުކުރާ ބައިނަލްއަޤްވާމީ ބައެއް އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މީގެ އިތުރުން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބޮޑެތި އެއާލައިންތަކުން ވަނީ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެއަށް ބާއްވަމުން އަންނަ ފްލައިޓްތައް ވެސް އިތުރުކޮށްފައެވެ.

comment ކޮމެންޓް