އެމްއެމްޕީއާރްސީ: ފަންނުވެރި ޓީމަކާއެކު ރާއްޖެ އިޝްތިހާރުކޮށްދިނުމުގައި އެއްވަނައިގައި

ފަތުރުވެރިކަމަކީ ދިވެހި އިގްތިޞާދުގެ އެންމެ ބޮޑު ހިއްސާއެވެ. ރާއްޖޭގެ ފުދުންތެރިކަމާއި އާމްދަނީއާ ގުޅިފައިވަނީ ފަތުރުވެރިކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރާއްޖޭގެ ބޯޑަރުން ބޭރުކޮށް މުޅި ދުނިޔެއަށް މި ކަން ފުޅާކުރުން މުހިންމުވަނީ މި ސަބަބަށް ޓަކައެވެ. މި މަސައްކަތުގެ ފަހަތުގައި ތިބީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފަންނުވެރި ޓީމެވެ.

އެމްއެމްޕީއާރްސީ، މީ ކޮން ބައެއް؟

އެމްއެމްޕީއާރްސީއަކީ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާ ސަރުކާރުގެ ރަސްމީ ކުންފުންޏެވެ. ދެހާސް ދިހަވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިފްތިތާހުކޮށްދެއްވި މި ކުންފުންޏަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ކަންކަން ކުރާނެ ރަސްމީ ކުންފުންޏެވެ. އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި މާކެޓިންގެ މަސައްކަތްތަކާއި، ރާއްޖޭގައި ފަތުރުވެރިކަމާ ގުޅުންހުރި ސާވޭތަކާއި ރިސާޗު މަސައްކަތްކުރުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާއާ ގުޅުންހުރި މާސްޓަރ ޕްލޭންތައް އެކުލަވައިލުމާއި، އިޝްތިހާރުކުރުކުރުމުގެ ކެމްޕެއިންތައް ހިންގުން ހިމެނެއެވެ.

މިއަދު އެމްއެމްޕީއާރްސީގެ މަސައްކަތްތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އޮތް ރާއްޖޭގެ މާކެޓުތަކުގައި ކުރެވެމުން އަންނަ މަސައްކަތެކެވެ.

މުވައްޒަފުންނަށް އުފާވެރި މަސައްކަތު މާހައުލެއް

ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތުގައި އެމްއެމްޕީއާރްސީގެ ތެރޭ ހަރަކާތްތެރިވަނީ ރާއްޖޭގައި ތިބި އެންމެ ގާބިލް މީހުންނެވެ. އެ މީހުންގެ އުފެއްދުންތެރި ޚިޔާލުތަކުގެ ނަތީޖާއަކީ ރާއްޖެ އެއްވަނަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލައިގަތުމެވެ.

އެގޮތުން އެ ކުންފުންޏަކީ މުވައްޒަފުންނަށް ޚާއްސަ އިސްކަމެއްދީ އުފާވެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ގާއިމްކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދޭ ކުންފުންޏެކެވެ.

އެމްއެެމްޕީއާރްސީގައި މުވައްޒަފުން މަސައްކަތްކުރާ ކެބިންތައް --

އެ އޮފީހުގެ ތެރެއިން އެކަން ހާމަވައެެވެ. އެގޮތުން މުވައްޒަފުން މަސައްކަތްކުރާ ތަނުގައި ހިތްވަރު ލިބިގަތުމުގެ އެކިކަހަލަ މޯޓިވޭޝަނަލް ކޯޓްސްތަކާއި ކާމިޔާބީގެ އެކި ކަހަަލަ މެސެޖުތައް ފެންނަން ހުރެއެވެ. މުޅި ކުންފުނީގެ ކާމިޔާބީ ފެންނާނެހެން ފާރުތަކާއި ކެބިންތައް ޑިޒައިންކޮށްފައިހުރެއެވެ.

މުވައްޒަފުންގެ އުފެއްދުންތެރި ޚިޔާލުތަކާއި ކުރިއަށް ހުންނަ އިވެންޓުތަކާ ގުޅިގެން މަސައްކަތް ރާވާނެ ގޮތް މަޝްވަރާކޮށް އާ ޚިޔާލުތައް ހޯދަން "ބްރެއިން ސްޓޯމް ކޯނާ"ގެ ގޮތުގައި ވެސް ޚާއްސަ ތަނެއް ހުރެއެވެ. އިޝްތިހާރުކުރުމުގެ އެންމެ ފުރަތަމަ މަރުހަލާ ފެށެނީ އެ ތަނުންނެވެ.

އެއަށްފަހު ނިންމޭ ނިންމުންތައް ޑިޕާޓްމަންޓުތަކުގެ ވެރިންނާ ހަމައަށް ގޮސް، މީޓިންތަކުން ފާސްވެ އަމަލީ މަސައްކަތް ފެށެއެވެ. އެތަނުގެ މުވައްޒަފުންގެ ކިބައިން ފެންނަނީ މަސައްކަތަށް ހުރި ޝައުގާއި ރާއްޖެ އިޝްތިހާރުކުރުމުގައި އެ މީހުންގެ ދައުރު ވީހާވެސް ފުރިހަމަކޮށް ކުރުމަށް ކުރާ މަސައްކަތެވެ.

ފާއިތުވި އަހަރުތަކުގައި ބޮޑު ކާމިޔާބީއެއް

އެމްއެމްޕީއާރްސީ ވުޖޫދުވެ، ފާއިތުވި 22އަހަރުގެ ތެރޭ އެ ކުންފުނިންވަނީ ރާއްޖޭގެ ނަން ވިދުވައިލައިފައެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ކާމިޔާބީތަކެއްވަނީ ރާއްޖެއަށް ހޯދައިދީފައެވެ.

އެގޮތުން މި އަހަރަކީ އެ ކުންފުންޏާއި ރާއްޖެއަށް އިތުރަށް ޚާއްސަ އަހަރެކެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ ވޯލްޑްސް ލީޑިންގް ޓުއަރިސްޓް ބޯޑްގެ އެވޯޑް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް ފުރަތަމަ ފަހަރަށް ލިބުނީ މި އަހަރެވެ.

މިއަހަރުގެ ވޯލްޑްސް ލީޑިންގް ޓުއަރިސްޓް ބޯޑަށް އެމްއެމްޕީއާރްސީގެ އިތުރުން އިނގިރޭސި ވިލާތުގެ ޓުއަރިޒަމް މިނިސްޓްރީ އާއި ގްރީސްގެ ޓުއަރިޒަމް މިނިސްޓްރީ ފަދަ 25 ބޯޑެއް ވަނީ ނޮމިނޭޓްވެފައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު -- ފޮޓޯ/ އެމްއެެމްޕީއާރްސީ

އެ ހުރިހާ ގައުމުތަކަކާ ވާދަކޮށް މިއީ ރާއްޖޭގެ ތާރީޚުގައި ވެސްް ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިސްޓް ބޯޑުގެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.

ހަމައެއާއެކު މި އަހަރު ރާއްޖެއަށް ވަނީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑް ވެސް ތިން ވަނަ ފަހަރަށް ލިބިފައެވެ.

މީގެ އިތުރުން 2020ވަނަ އަހަރު 18 އެވޯޑެއް އެމްއެމްޕީއާރްސީންވަނީ ރާއްޖެއަށް ހޯދައިފައެވެ. އެ އެވޯޑުތަކުގެ ތެރޭގައި ބެސްޓް އައިލޭންޑް ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނުގެ އެވޯޑު ހިމެނެއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީ ކޮންމެ އަހަރަކު ވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ރޯޑްޝޯތައް ބޭއްވުމާއި ބައިނަލްއަގްވާމީ ބޮޑެތި މާކެޓިން ފެއާތަކުގައި ވެސް އެމްއެމްޕީއާރްސީން ބައިވެރިވެއެވެ.

މީގެ އިތުރުން ފެމިލިއަރައިޒޭޝަން ޓްރިޕްތައް ވެސް ބޭރުގެ ސްޓޭކް ހޯލްޑަރުންނަށް ހޯސްޓުކުރެއެވެ. ހަމައެއާއެކު ބޭރުގެ ބޮޑެތި ނޫސް ޗެނަލްތައް ތައްކަމަށްވާ ސީއެންއެންއާއި ބީބީސީފަދަ ޗެނަލްތަކުގައި ރާއްޖެ އިޝްތިހާރުުކުރުމަކީ ވެސް އެމްއެމްޕީއާރްސީން ކުރާ މަސައްކަތެކެވެ. މީގެ އިތުރުން އޮންލައިން ވެބިނާތަކާއި މާކެޓިން ޓުއާ އޮޕަރޭޓަރުންނާއެކު ކުރެވޭ އިޝްތިހާރުތަކާއި ޓްރެވަލް އެޖެންޓުންނާއި، އެއާލައިންތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ގިނަ ފަރާތްތަކާއެކު މަސައްކަތްކޮށް އީ ލާނިން ކޯސްތައް ވެސް ކުރިއަށް ގެންދެއެވެ.

މި އަހަރު ވެސް ގިނަ ހަރަކާތްތަކެއްގައި އެމްއެމްޕީއާރްސީން ބައިވެރިވެފައިވާއިރު ކުރިއަށް އޮތް އަހަރު ވެސް ގިނަ ފެއާތަކެއްގައި އެމްއެމްޕީއާރްސީން ބައިވެރިވާނެއެވެ. އަދި ގިނަ ގައުމުތަކެއްގައި ރާއްޖޭގެ ރޯޑްޝޯތައް ވެސް ބާއްވާނެއެވެ.

ރާއްޖެ ދުނިޔެއަށް ހާމަކުކޮށްދީ މަގުބޫލު މަންޒިލަކަށް ހެދުމަކީ އެ ކުންފުނީގެ އެންމެ ބޮޑު މަގްސަދެވެ. އެ މަގްސަދު ހާސިލްވާކަން ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި ލިބޭ ކާމިޔާބީތައް ހާމަކޮށްދެމުންނެވެ.

ފާއިތުވި މަދު އަހަރުތަކުގެ ތެރޭ އެމްއެމްޕީއާރްސީގެ ނަމަށް އައި ކިލަނބުކަން ފިލުވައި، އެމްއެމްޕީއާރްސީގެ ނަން ދިވެހީން ފަޚުރުވެރިވާ ނަމަކަށް ހެދި ހީރޯއިންނަކީ އެމްއެމްޕީއާރްސީގެ މިހާރުގެ ފަންނުވެރި ޓީމެވެ. އެއީ ބަލައިގަންނަންޖެހޭ މަސައްކަތެކެވެ. އެހެންކަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އިސްވެ ކުރައްވާ މަސައްކަތަށް ސަން ސިޔާމް މީޑިއާ ގްރޫޕުގެ ނަމުގައި އެމްއެމްޕީއާރްސީއަށް މަރުހަބާ ކިޔައެވެ.

comment ކޮމެންޓް