ޕާކިސްތާން ބަލިކޮށް އިނގިރޭސިވިލާތުން ޓީ 20 ވޯލްޑްކަޕް ހޯދައިފި

ޗެމްޕިއަން ހޯދުމަށްފަހު އިނގިރޭސިޓީމު އުފާފާޅުކުރަނީ--- ފޮޓޯ/އިނގިރޭސި ކުރިކެޓް ޓީމް

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސިވިލާތުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސިވިލާތުން ހޯދާފައިވަނީ މިއަދު ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ފަސް ވިކެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ޓޮސް ދިމާވުމުން އިނގިރޭސިން ގަސްތުކުރީ ހޮވުމަށެވެ.

ޕާކިސްތާނުން ކުޅެން އަރައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ. މި އިނިންގައި އެންމެ ރަނގަޅަށް ކުޅުނީ 38 ލަނޑު ހެދި ޝާން މައްސޫދާއި 32 ލަނޑު ހެދި ބާބަރް އަޒަމެވެ. މީގެ އިތުރުން ޝަދަބް ހާން ވަނީ 20 ލަނޑު ހަދާފައެވެ.

ޖަވާބުގައި އިނގިރޭސިން ކުޅެން އަރައި 19 އޯވަރުތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 138 ލަނޑު ހަދާފައެވެ. އިނގިރޭސި ޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 52 ލަނޑު ހެދި ބެން ސްޓޯކްސް އާއި 26 ލަނޑު ހެދި ޖޯސް ބަޓްލާއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިނގިރޭސި ޓީމުގެ ކެޕްޓަން ޖޯސް ބަޓްލާ ބުނީ، މުބާރާތަށް އައުމުގެ ކުރިން ޕާކިސްތާނަށް ކުރި ޒިޔާރަތުގައި އެ ގައުމުގައި ހޭދަކުރި ވަގުތުކޮޅުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ތަޖުރިބާކުރެވުނުކަމަށެވެ. ޕާކިސްތާނާ ދެކޮޅަށް ނިކުތުމުގެ ކުރިންވެސް މި މެޗު ފަސޭހަ ނުވާނެކަން އެނގުނުކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ނަތީޖާއަކީ ހުރިހާ ކުޅުންތެރިން ގުޅިގެން އެއް އަޒުމެއްގައި ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށް ބަޓްލާ ފާހަގަކުރިއެވެ.

ޕާކިސްތާނު ޓީމުގެ ކެޕްޓަން ބާބަރް އަޒަމް ބުނީ ޕާކިސްތާނުގެ ޓީމުގެ އެންމެ މުހިއްމު އެއް ހަތިޔާރަކީ އުކުން ކަމަށާއި ޓީމުގެ ބާރު އުކުންތެރިޔާ ޝާހީން އަފްރިދީއަށް ކުރިމަތިވި އަނިޔާގެ ސަބަބުން ޓީމު ފެނުނީ ވަރަށް ދަށްކޮށް ކަމަށެވެ.

comment ކޮމެންޓް