ފޮކްސްކޮންއިން އިންޑިއާ ފެކްޓްރީގެ މުވައްޒަފުން ހަތަރު ގުނަ އިތުރު ކުރަނީ

ފޮކްސްކޮންއިން އިންޑިއާގައި ހިންގާ ފެކްޓަރީ --

އެޕަލް ކުންފުންޏަށް އެންމެ ގިނަ އަދަދަކަށް އައިފޯން އުފައްދައިދޭ ކުންފުނި ކަމަށްވާ ފޮކްސްކޮންއިން އިންޑިއާގައި ހިންގާ ފެކްޓަރީގެ މުވައްޒަފުންގެ އަދަދު ހަތަރު ގުނަ އިތުރުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރޮއިޓާސްއިން ބުނާ ގޮތުގައި، ފޮކްސްކޮންއިން ވަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިންޑިއާގެ އައިފޯން ފެކްޓްރީއަށް 53،000 މަސައްކަތްތެރިން އިތުރު ކުރަން ރާވާފައެވެ. އެހެންކަމުން، އެ ފެކްޓަރީގައި މިހާރު 17،000 މީހުން މަސައްކަތްކުރާއިރު ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ އަދަދު 70،000އަށް އިތުރު ކުރާނެއެވެ.

ފޮކްސްކޮންއިން 2019 ވަނަ އިންޑިއާގައި ހުޅުވި އެ ފެކްޓަރީން އެންމެ ފުރަތަމަ އުފައްދަމުން ދިޔައީ އެޕަލްގެ ކުރީގެ މޮޑެލްތަކެވެ. ނަމަވެސް ފަހަކަށް އައިސް ފަހުގެ މޮޑެލްތައް އުފެއްދުމުގެ މަސައްކަތް ވެސް އެ ފެކްޓަރީގައި ވަނީ ފަށައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ އަހަރުގެ އައިފޯން ޝިޕްމަންޓްތަކުގެ ޖުމްލަ 70 ޕަސެންޓް ފޯރުކޮށްދީފައި ވަނީ ފޮކްސްކޮންއިންނެވެ.

އެ ކުންފުނިން އިންޑިއާގައި އައިފޯން އުފައްދާ މިންވަރު އިތުރު ކުރަނީ، ޗައިނާގައި ހުންނަ އެ ކުންފުނީގެ ފެކްޓަރީގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައި ވުމުން، އެ ފެކްޓަރީގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް އެޕަލްއިން ބުނި ފަހުންނެވެ.

ޗައިނާގައި އެޕަލްގެ ތަކެތި އުފައްދާ ޒެންގްޒޯ ފެސިލިޓީގައި ކޮވިޑް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް މަސައްކަތްތެރިން ވަޒީފާ ދޫކޮށް ގޮސްފައިވާ ކަމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޚަބަރު ފެތުރިފައިވެއެވެ.

ދާދި ފަހަކުން ޗައިނާގެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކަކުން ވެސް، ފެކްޓްރީން މަސައްކަތްތެރިން ފިލައިގެންދާން އުޅޭތަން ކަމަށް ބުނާ މަންޒަރުތަކެއް ފެނެއެވެ.

އެއީ މުޅި ދުނިޔެއިން ވެސް، އައިފޯން އުފައްދާ އެންމެ ބޮޑު ފެކްޓަރީއެވެ. އެ ފެކްޓަރީގެ މަަސައްކަތަށް ހުރަސް އެޅުމުން އެތަނުން އައިފޯން އުފައްދާ މިންވަރު 30 ޕަސެންޓް ދަށްވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އޭގެ ސަބަބުން، އެޕަލްގެ އާ އުފެއްދުންތައް ކަސްޓަމަރުންނަށް ލިބުމަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް