މެންޗެސްޓާ ސިޓީ ބަލިވުމުން އާސެނަލަށް ފަސް ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން މޮޅުވުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ ބަލިވިއިރު، އާސެނަލް ކުޅުނު މެޗުން އެ ޓީމު މޮޅުވެ ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާއެކު ހަމަޖެހިލައިފިއެވެ.

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ބައްދަލުކުރިމެޗުން ސިޓީ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި ގޯލް ހުޅުވާލަ ދިނީ މެޗު ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި އިވާން ޓޯނީއެވެ. ބްރެންޓްފޯޑުން ލަނޑެއް ޖަހައި ލީޑު ނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ފޯޑެން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން ބްރެންޓްފޯޑު މޮޅުކޮށްދިން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ އިތުރުވަގުތު ކުޅުމުގެ ތެރޭގައި މިފަހަރުގެ އިންގްލެންޑް ވޯލްޑްކަޕް ސްކޮޑުން ޖާގަ ނުލިބުނު ޓޯނޭއެވެ.

ޕްރިމިއާ ލީގުގައި ރޭ ސިޓީ އާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/މެންޗެސްޓަރސިޓީ

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީ ކުޅުނު ނަމަވެސް، ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް އުފައްދާފައިވަނީ ބްރެންޓްފޯޑެވެ. މެޗުގައި ސިޓީން ވެސް ވަނީ ބްރެންޓްފޯޑުގެ ގޯލަށް ނުރައްކާކޮށްފައެވެ.

އިނިގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އެންމެ ރަނގަޅަށް އާސެނަލުން ވަނީ ނަގާފައެވެ. ލީގްގައި ރޭ އާސެނަލް އާއި ވުލްވުސް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލުން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑެވެ.

ވުލްވުސް ކޮޅަށް ލަނޑުޖެހުމަށްފަހު އޮޑެގާޑް--- ފޮޓޯ/އާސެނަލް

މެޗުގައި އޮޑެގާޑުގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓް ތެރޭގައި ފެނިގެންގޮސްފައިވާއިރު، ދެވަނަ ލަނޑު އޭނާ ޖަހާފައިވަނީ 75 ވަނަ މިނެޓް ތެރޭގައެވެ. މެޗުގައި މޮޅަށް ކުޅެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް އުފައްދާފައި ވަނީ ވެސް އާސެނަލްއެވެ. މެޗުގައި ވުލްވުސް އަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމަށް ވެސް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތުތައް ވަނީ ލިބިގެންގޮސްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެނިހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ބޯންމައުތާ އެވަޓަން ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޯންމައުތެވެ. ލިވަޕޫލާއި ސަދަމްޓަން ބައްދަލުކުރިމެޗު 1-3 ގެ ނަތީޖާއިން ލިވަޕޫލް ކާމިޔާބުކުރިއިރު، ސްޕާސް އާއި ލީޑްސް ބައްދަލުކުރިމެޗު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕާސްއެވެ. ނިއުކާސަލް އާއި ޗެލްސީ ބައްދަލުކުރިމެޗު 0-1 ގެ ނަތީޖާއަކުން ނިއުކާސަލް ކާމިޔާބުކުރިއިރު، ލެސްޓާސިޓީ އާއި ވެސްޓްހޭމް ބައްދަލުކުރިމެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލެސްޓާސިޓީއެވެ.

އަންނަ އާދިއްތަ ދުވަހު ވޯލްޑް ކަޕް ފަށާއިރު އިނގިރޭސި ޕްރިމިއާ ލީގްގެ މެޗްތައް މިއަދު ކުޅުމަށް ފަހު މެދުކަނޑާލާނެއެވެ.

comment ކޮމެންޓް