އަލިފާން ރޯވި ގެ ސާފުކުރުމުގެ މަސައްކަތް ފަށައިފި

އެގެ ސާފުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރަނީ / ފޮޓޯ: ޓްވިޓަރ

ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި މ. ސެންޑްރޯޒްގެ ހުޅަނގުބައި ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ފަށައިފިއެވެ.

އެމިނިސްޓްރީން ބުނީ އެ ގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސް އިން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ރޯވި ގޭގެ ތިރީގައި ހުރި ގަރާޖުގެ ތެރޭގައި ހުރި ބައެއް ވެހިކަލް ތަކާއި ސާމާނު އެތަނުން ނެރުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

މިހާދިސާގައި 10 މީހަކު މަރުވެފައިވާއިރު، އެގެތެރޭގައި ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ހިމެނޭ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

އެގޮތުން، ހާދިސާގައި މަރުވެފައިވާ 10 މީހުންގެ ތެރެއިން މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ހަތަރު އަންހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. ހަށިގަނޑު ދެނެގަނެވިފައިވާ ފިރިހެނުންގެ ތެރޭގައި އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ އެއް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

"ސަން" އާ ވާހަދައްކަމުން ގަރާޖގެ ވެރި ފަރާތުން މީގެކުރިން ބުނެފައިވަނީ އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް އެގަރާޖަކީ ގަވާއިދާ ޚިލާފަށް ހިންގަމުން ދިޔަ ގަރާޖެއް ކަން ހާމަވެގެން ގޮސްފައިވެއެވެ.

comment ކޮމެންޓް