ނޫސްވެރީންނާއި ސަރުކާރާއި ރައްޔިތުންނަށް ...

ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް --- ފޮޓޯ/ ޕޮއިންޓަރ.އޯގް

މާސްމީޑިއާ ނުވަތަ މައުލޫމާތު ހޯދައި ފެތުރުމުގެ ވަސީލަތްތަކަށް އަންނަމުންދާ ހަލުވި ކުރިއެރުމުގެ އަސަރުތައް، އަހަރެމެންގެ މި ދިވެހިރާއްޖެވެސް މިދަނީ ތަޖުރިބާކުރަމުންނެވެ. އެގޮތުން މީޑިއާގެ މުހިއްމު ވަސީލަތްތައްކަމުގައިވާ، ޓީވީއާއި ރޭޑިއޯ ޗެނަލްތަކާއި ޗާޕުކޮށްގެންނާއި އިންޓަނެޓުގެ ޒަރިއްޔާއިން ނެރެވޭ ނޫސް މަޖައްލާތައް އިތުރުވުން ހިމެނެއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާމީހުންގެ އަދަދުވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ ވަރަށް ވާދަވެރި މާހައުލެއް މިވަނީ އުފެދިފައެވެ.

މީޑިއާގެ ވަސީލަތްތަކަކީ އަހަރެމެންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ، ދިރިއުޅުމުގެ ކަންތައްތަކަށް އެންމެ ބޮޑަށް ނުފޫޒުފޯރުވާ އެއްހަތިޔާރެވެ. ވީމާ، އެވަސީލަތްތަކުން ފޮނުވާ ޚަބަރުތަކާއި މައުލޫމާތުތައް ހޯދައި ފެތުރުމުގައި، އެކަމުގެ އަހުލުވެރީން ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އެއީ ހަވާލުވެފައިވާ އަމާނާތެއްކަން ގަބޫލުކޮށް، އެ އަމާނާތަށް ރައްކާތެރިވާންޖެހެއެވެ. އަދި އެއީ އިސްލާމްދީނުގައި އެއާބެހޭ އިރުޝާދުތައް އައިސްފައިވާ ކަމަކަށްވާއިރު، އެކަމުގައި އިސްލާމްދީނުގެ މަންހަޖު އޮތީ ކިހިނެއްތޯ ބަލައި، އެގޮތަށް އަމަލުކުރާންޖެހެއެވެ.

ޚަބަރުތައް ހޯދައި ފެތުރުމުގައި ގެންގުޅެންވީ މިންގަނޑުތަކާމެދު، އިސްލާމްދީނުގައިވާ މަތިވެރި އިރުޝާދުތަކަށް ބަލައިލުމުގެ ކުރީން، ބައިނަލްއަގުވާމީ ދުނިޔޭގައި އެކަން އޮންނަގޮތް، ކޮންމެވެސް ވަރަކަށް ބަލައިލަމާހެއްޔެވެ. މީޑިއާގެ އަޚުލާޤިއްޔާތާ ބެހޭ މާހިރެއް ފާހަގަކުރައްވާގޮތުގައި؛ ހުޅަނގުގެ ގައުމުތަކުން އެންމެ ކަންބޮޑުވަނީ މިނިވަން ނޫސްވެރިކަމެއް ލިބިގަތުމާ މެދުގައެވެ. ނަމަވެސް ހުޅަނގު ފިޔަވައި ދެން ބާކީހުރި (ގިނަ) ގައުމުތަކުގެ ކަންބޮޑުވުން އަމާޒުވަނީ، ނޫސްވެރިކަމުގައި އަދުލުވެރިވުމުގެ ދާއިރާއަށެވެ.(Claude-Jean Bertrand, 1985) އަދި ހަމަ މިއާއެކު، ހުޅަނގުގެ ގިނަ ގައުމުތަކުގައި ނޫސްވެރިކަން މިސްރާބު ކުރެވިފައި ވަނީ އެބަޔަކު ފަތުރާ ޚަބަރެއްގެ ސަބަބުން ވަކި ފަރުދަކަށް ނުވަތަ މީޑިއާގެ ވަކި މުއައްސަސާއަކަށް ނުވަތަ ވަކި ޖަމާއަތަކަށް ލިބިދޭ މާއްދީ މަންފާތަކުގެ މައްޗަށެވެ.(Mohammad A. Siddiqi, 1991)

މައުލޫމާތު ހޯދައި ފެތުރުމުގައި އަމަލުކުރުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އެއް އިރުޝާދަކީ؛ އެއްވެސް ޚަބަރެއް ލިބިއްޖެނަމަ، އޭގެ ދޮގުތެދު ބަލައި ޔަގީންކުރުމަށްފަހުގައި މެނުވީ، އެޚަބަރަކާ ބެހޭގޮތުން ކަމެއްނުކުރުމެވެ. ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި ހަގީގަތް ހޯދުމަށް ﷲ އަންގަވާފައިވެއެވެ. އެއީ ނޭނގި ތިބެ ބަޔަކަށް ގެއްލުން ދެވިދާނެތީކަމަށާއި އެހެންވެއްޖެނަމަ، ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ވެދާނެކަމަށް އެންގެވިއެވެ."(ޙުޖުރާތު: 6) ފާސިޤުންނަކީ ބޮޑެތި ފާފަތަކަށް އަރައިގަންނަ ނުވަތަ ކުދި ފާފަތައް ކުރުން މަތީ ދެމިތިބޭ މީހުންނެވެ.

ޚަބަރުތައް ހޯދައި ފެތުރުމުގައި ސަމާލުކަންދޭންޖެހޭ އަނެއްކަމަކީ، ތިމާއަށް އިވޭހައި ވާހަކައެއް ނުދެއްކުމެވެ. "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނޭ ކަމެއްކަމުގައިވިއެވެ."(އިސްރާ: 36)

ﷲ ކަރާމާތްތެރި ކުރައްވާފައިވާ އިންސާނާއާ ގުޅޭ ޚަބަރުތައް ހޯދައި ފެތުރުމުގައި، އެ އިންސާނާގެ ޢިއްޒަތާއި ކަރާމާތަށް ރައްކާތެރިވާންޖެހެއެވެ. އެގޮތުން؛ ޣީބަ ބުނުމާއި މަލާމާތް ފުރައްސާރަ ކުރުމާއި، ހުތުރު ލަޤަބުތަކުން މުޚާޠަބު ކުރުމާއި، އަބުރު ނަގައިލުން ފަދަ ޙަރާމް ކަންތައްތަކުން ދުރުހެލިވާންޖެހޭނެއެވެ.(ޙުޖުރާތު: 11-12)

އިސްލާމީ މީޑިއާތަކުން މައުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ އަނެއްދާއިރާއަކީ، ހެޔޮކަންތައްތަކަށް އަމުރުކުރުމާއެކު ނުބައިކަންތައްތައް މަނާކުރުމެވެ. އެއީ ކޮންމެމީހެއްގެ މައްޗަށްވެސް އަމުރުވެވިގެންވާ ކަމަކަށްވާއިރު، މީޑިއާ ފަދަ ނުފޫޒު ގަދަ ވަސީލަތްތަކުގެ ޒަރިއްޔާއިން އެވާޖިބު އަދާކުރުން އަޢުލާވެގެންވެއެވެ. އަދި އެއީ މުޖުތަމައުގެ ހައްގުގައި ނޫސްވެރިން އަދާކޮށްދޭންޖެހޭނެ މަސްއޫލިއްޔަތެއްމެއެވެ.(އާލުޢިމްރާނު: 110) ވީމާ، މުސްލިމު މުޖުތަމައަކަށް އެއްގޮތަކަށްވެސް ބޭނުންނުވާ ފަދަ ޚަބަރާއި މައުލޫމާތާއި، އަޚުލާގީގޮތުން ދަށްފެންވަރު ފޮޓޯއާއި ވީޑިއޯތައް ފެތުރުމީ އެއްގޮތަކަށްވެސް ކޮށްގެންވާނޭކަމެއްނޫނެވެ. ދާދިފަހުން ރާއްޖޭގައި ހިނގައި ދިޔަ މުޑުދާރު ހާދިސާތަކަކާ ގުޅޭ ވާހަކަތައް ފެތުރުމުގައި ބައެއް ފަރާތްތަކުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައެވެ. އޭގެ ނޭދެވޭ އަސަރުތައް މަދަރުސާ ކުދިންގެ ފަރާތުން މިހާރު ފެންނަމުންދާކަމުގެ މައުލޫމާތު ލިބެއެވެ.

އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާތީ، އެކިއެކި ސަބަބުތަކާހުރެ ބައެއްފަހަރަށް، އެންމެ ޞައްޙަނޫން ޚަބަރުތައް އާއްމުކުރެވޭތަން އާދެއެވެ. މިފަދަ ހާލަތުގައި، އެކުށެއް ފާހަގަވުމުން އެކަމަށް މާފަށް އެދުމާއެކު ވީއެންމެ އަވަހަކަށް އޭގެ ހަގީގަތް ހާމަކޮށްދިނުމަކީ އިސްލާމްދީނުގެ ރިވެތި އަޚުލާގުގެތެރޭގައި ހިމެނޭ ކަމެކެވެ.

މައުލޫމާތު ފެތުރުމުގައި އަމާނާތްތެރިވެވުނުކަމަށް ވާނީ، އިސްވެ ބުނެވުނު ކަންތައްތަކަށް އަމަލުކުރުމުންނެވެ. އަދި ކޮންމެ މީޑިއާއަކީވެސް އިސްލާމްދީނަށް ނަސްރުދީ އެދީން ކުރިއަރުވައި، ހުރިހާ ދާއިރާއަކުންވެސް މުޖުތަމައާއި އިންސާނިއްޔަތުގެ ލާބައަށްޓަކައި މަސައްކަތްކުރާ މީޑިއާއެއްކަމުގައި ހަދައިގެންނެވެ.

ނޫސްވެރިކަމާ ބެހޭގޮތުން އިސްވެ ބަޔާންކުރެވުނު ވާހަކަތަކުން އެނގެނު ގޮތުގައި، ނޫސްވެރީންގެ މަސްއޫލިއްޔަތާއި އެފަރާތްތަކުގެ ޒިންމާ ވަރަށް ބޮޑެވެ. އެހެންކަމުން، އެމަތިވެރި ޒިންމާ ފުރިހަމަގޮތުގައި އަދާކޮށް، މުޖުތަމައަށާއި ގައުމަށް ފައިދާކުރަނިވި ނޫސްވެރިކަމަކަށް މަގު ތަނަވަސްކޮށްދޭންޖެހޭނެއެވެ. މިކަމަށްޓަކައި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނޫސްވެރީންނަށް ކޮށްދޭންޖެހޭ ކަންތައްތަކެއްވެއެވެ. އޭގެތެރޭގައި؛ ކަމަކާބެހޭގޮތުން މައުލޫމާތެއް ދޭކަމުގައިވާނަމަ ތެދުވެރިކަމާއެކު ޞައްޙަ މައުލޫމާތު ދޭންވާނެއެވެ. އެއްވެސް ކަމަކާ ބެހޭގޮތުން ހެކިބަހަކަށް އެދެވިއްޖެނަމަ، އެކަމުގައި ޢަދުލުވެރިވުމަށް މާތްالله ވަނީ އަމުރުކުރައްވާފައެވެ.(ނިސާ: 135)

ހަމަމިއާއެކު، މީޑިއާއަކުން އާއްމުކުރާ ޚަބަރެއް ކިޔައި ނުވަތަ އަޑުއެހުމަށްފަހު، އޭގައި ބުނާ އެއްޗެއް ރަނގަޅަށް ފަހުމުނުވާހާލުގައި، ނުވަތަ ގަސްތުގައި އޭގެ އަސްލު އޮޅުވާލައިގެން، ފިތުނަ ފަސާފަ އުފެދޭގޮތަށް އެޚަބަރެއް އަނެކާއަށް ނަގުލު ކުރުމީވެސް ކޮށްގެންވާނޭކަމެއްނޫނެވެ.

ނޫސްވެރިކަމުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންތައްތަކުގެތެރޭގައި؛ ނޫސްވެރީންނަށާއި، އެމަސައްކަތުގައި ބޭނުންކުރާ ވަސީލަތްތަކަށް ގެއްލުން ނުދިނުން ހިމެނެއެވެ. އަދި ނޫސްވެރީންގެ މަސައްކަތަށް ހުރަސްނޭޅުމާއެކު، އެފަރާތްތަކަށް އެއްބާރުލުންދިނުން ހިމެނެއެވެ. އެންމެ މުހިންމު ކަމަކަށް، ޤާނޫނާއި ގަވާއިދުތަކުން ނޫސްވެރީންނަށް ލިބިދީފައިވާ އެއްވެސް ހައްގެއް، ނިގުޅައިނުގަތުމާއި، "ޢަދުލުވެރިކަމާއި މިނިވަންކަމާއެކު" މަސައްކަތްކުރެވޭނޭ ވެއްޓެއް، އެފަރާތްތަކަށް ގާއިމުކޮށްދިނުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް