ތިލަމާލެ ބްރިޖުގެ ޓެސްޓް ޕައިލްތައް ޖަހަން ފަށައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ ޓެސްޓް ޕައިލްތައް ޖަހަން ފަށައިފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މި މަސައްކަތަށް ދެ ފްލޯޓިން ބެޗިން ޕްލާންޓް ބޭނުން ކުރާކަމަށެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާ ކުންފުނިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ދެން ފަށާނީ ބްރިޖުގެ ތަނބު ޖެހުމުގެ މަސައްކަތެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް