އޮލިމްޕަސް ސިނަމާ ނުހުޅުވި ގިނަ ދުވަސްވުމުގެ ސަބަބުން ދިވެހި ފިލްމު އިންޑަސްޓްރީ ގާތްގަނޑަކަށް މަޑުޖެހިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޝްހޫރު އެކްޓަރު ސީޒަން އަލީ އުދާސްތައް ބަންޑުން ކޮށްލައިފިއެވެ.
ކޮވިޑާ ގުޅިގެން އޮލިމްޕަސް ސިނަމާ ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު އަދި މިހާތަނަށް ސިނަމާ ހުޅުވޭ ގޮތް ވަނީ ނުވެފައެވެ. ސިނަމާ ބަންދު ކުރުމަށްފަހު މިއަހަރުގެ މާޗު މަހުގައި ވަނީ އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް އެ މަސައްކަތް ވެސް އަދިވެސް ނުނިމެއެވެ.
އޮލިމްޕަސް ހިންގައި ބަލަހައްޓާ ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން އެންމެ ފަހުން ބުނިގޮތުގައި ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވޭ ގޮތް ވާނެއެވެ. ނަމަވެސް އަދިވެސް އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް އެންސީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން އެކްޓަރު އަދި ޕްރޮޑިއުސަރު ސީޒަންގެ އުދާސްތައް ބަންޑުން ކޮށްލަމުން ޕޯސްޓުކުރި ޓިކްޓޮކެއްގައި ބުނެފައިވަނީ މަރާމާތު ކުރުމުގައި މިއަހަރު އެއްކޮށް ނިމިގެންދާއިރު އޮލިމްޕަސް އަދިވެސް ހުޅުވޭ ގޮތް ނުވާ ކަމަށެވެ.
"އަދިވެސް މުޅި ތަން އޮތީ ބޮޑު ޖަންކްޔާޑެއް ހެން. އެއްވެސް ކަމެއް މިތާގައި ނިމިފައެއް ނެތް. ހަމަ އެއްވެސް ކަމެއް،" އޮލިމްޕަސް މިހާރު އޮތް ހާލަތު ކިޔައިދެމުން ސީޒަން ބުންޏެވެ.
ބަޔަކު ހަދާފައި ހުރި ތަނެއް، އަލުން ރިނޮވޭޓް ކުރުމަށްޓަކައި ތިން އަހަރު މިހާރު ވަނީ ކަމަށް އޭނާ ބުންޏެވެ. ރިނޮވޭޝަންގެ މަސައްކަތްތައް ކުރިއަށް ދާ ސްޕީޑު ލަސްވުމުގެ ސަބަބުން ސީޒަން ވަނީ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި މަސައްކަތް ލަސްވަނީ ކަންތައްތަކާ ހަވާލުވެ ތިބޭ ބޭފުޅުންގެ ނާގާބިލު ކަމުން ކަމަށް ސީޒަން ބުންޏެވެ.
ދިވެހި ފިލްމު އެޅުވުމަށް ހާއްސަކޮށް ހުންނަ ހަމައެކަނި ސިނަމާއަކީ 1959 ވަނަ އަހަރު ހުޅުވި އޮލިމްޕަސްއެވެ. އޮލިމްޕަސް ސިނަމާ ބަންދުކުރިއިރު އެކި ޕްރޮޑަކްޝަންތަކުން ތައްޔާރުކޮށްފައިވާ ތަފާތު އެކި ފިލްމުތަކެއް އަދިވެސް އަޅުވާނެ ދުވަހެއް ނޭނގި އެބަހުއްޓެވެ.