މ. އަތޮޅުން ޕާކިސްތާނަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

ފައިސާ ޕާކިސްތާނާ ހަވާލުކުރުމަށް ޕާކިސްތާނު ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މ.އަތޮޅު ކައުންސިލް

ފާއިތުވި މަސްތަކުގައި ޕާކިސްތާނަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ ގޮތުން މ. އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ޕާކިސްތާނަށް ދެ ލައްކަ ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.

އެ ފައިސާ ޕާކިސްތާނާ ހަވާލުކުރުމަށް މާލޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި މިއަދު 11:00ގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ އެކްޓިން ހައި ކޮމިޝަނަރު ޒުލްގަރްނައިން އަޙްމަދާއި މ. އަތޮޅު ހުރިހާ ރަށަކުން ކައުންސިލަރުން ބައިވެރިވިއެވެ.

އެކްޓިން ހައި ކޮމިޝަނަރާ އެ ފައިސާ ހަވާލުކޮށްދެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.

އެ ރަސްމިއްޔާތުގައި ނިމާލް ވިދާޅުވީ، ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމަކީ އެ އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށެވެ. އަދި ޕާކިސްތާނުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ޓަކައި ފޯރުކޮށްދޭ އެހީތެރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފައިސާ ޕާކިސްތާނާ ހަވާލުކުރުމަށް ޕާކިސްތާނު ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މ.އަތޮޅު ކައުންސިލް

ޕާކިސްތާނުގެ އެކްޓިން ހައި ކޮމިޝަނަރު ޒުލްގަރްނައިންގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ހާލުގައި ޖެހުނު ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ ކިތަންމެ ކުޑަ އެހީއަކުންވެސް ރައްޔިތުންގެ ހިތުގައި ޕާކިސްތާނުގެ ރައްޔިތުންނަށް އޮތް މަތިވެރި ލޯބި ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނިމާލް "ސަން"އަށް ވިދާޅުވީ މި ފައިސާއަކީ މ. އަތޮޅު ހުރިހާ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ޕާކިސްތާނަށް އެހީގެ ގޮތުގައި ހަދިޔާ ކުރި ފައިސާ ކަމަށެވެ. އަދި މި ފައިސާ ހޯދުމަށް އެ އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކައުންސިލުން އިސް ނަގައިގެން މިދިޔަ މަހު ފަންޑް ރެއިޒިން ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މީގެ އިތުރުން އަޅުގަނޑުމެންގެ ކައުންސިލުން އެބޭފުޅުންގެ މުސާރައިންނާއި އަތޮޅު ކައުންސިލްގެ ބަޖެޓުންނާ އެއްކޮށް ދެ ލައްކަ ރުފިޔާ ހަމަކޮށްފައި މި ވަނީ،" އޭނާ ވިދާޅުވިއެވެ.

މ. އަތޮޅުގައި އަޅާ ކޮމިއުނިޓީ ސެންޓަރަށް މިދިޔަ އަހަރު ޕާކިސްތާނު ހައި ކޮމިޝަނުން 1.7 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާގެ އެހީ ދީފައި ވާކަން ނިމާލް ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް