ޕޮލިސް އެކެޑަމީގައި އިންޑިއާ ސިފައިން ތިބީ ޔާމީންގެ ޚިޔާލީ ދުނިޔޭގައި: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު --- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ގާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީގައި އިންޑިއާ ސިފައިން ގާއިމްވެ ތިބެނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޚިޔާލީ ދުނިޔޭގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ ޕޮލިސް އެކެޑަމީގެ ބޭނުމަކީ އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ޤާއިމުވެގެން ތިބެވޭނެ ގޮތްތަކެއް ފަހިކުރުން ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ހުޅުމީދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި އެމަނިކުފާނު ވިދާޅުވީ އައްޑޫގައި ގާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ އަކީ އިންޑިއާ ސިފައިން ދިގު މުއްދަތަކަށް އައްޑޫގައި ތިބުމަށް އިންޑިއާއިން އަޅާފައިވާ ތަނެއްކަމަށާއި، އެއީ އެ ނޫން މަގުސަދެއްގައި ބިނާކުރި ތަނެއް ކަމުގައިވާނަމަ އެތަން ދިވެހި ސަރުކާރާ ހަވާލުކުރަންވީ ކަމަށެވެ.

ޔާމީނަށް ރައްދު ދެއްވައި މިއުވާން "ސަން" އަށް ވިދާޅުވީ އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ދިވެހި ސަރުކާރާ ހަވާލުކޮށް، އެކަމަށް ރަސްމިއްޔާތެއް ބާއްވައި، ޚަބަރުތަކުގައި އެވާހަކަ ލިޔެ، ހުރިހާކަމެއް ކޮށްފައި އޮއްވައި، އެއީ ނުވާކަމަކަށް ހަދައިގެން އެތަނުގައި އިންޑިއާ ސިފައިން ތިބިކަމަށް ގަބޫލުކުރައްވަނީ ޚިޔާލީ ދުނިޔެއެއްގައި ކަމަށެވެ.

"އެފަދަ ވާހަކަތައް ދެއްކެވުމުގެ މައިގަނޑު ބޭނުންފުޅަކީ އޮޅުވާލެއްވުމާއި ފިތުނަ ފަސާދަ އުފެއްދެވުން ކަމަށް ގަބޫލުކުރެވެނީ. އެތަން ދިވެހި ސަރުކާރާ ހަވާލުކޮށް، އެތަނުގައި ފުލުހުންގެ ތަމްރީންތައް ހަދަމުންދާކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ނޯވެދާނެކަމަށް ގަބޫލުކުރަން ދަތީ ހަމަ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، އެތަނުގައި ދިގު މުއްދަތަކަށްވެސް އަދި ކުރު މުއްދަތަކަށްވެސް އިންޑިއާގެ ސިފައިން ނެތް ކަމަށާއި، އިންޑިއާ ސަރުކާރުގެ ބާރު އެތަނުގައި ނުހިނގާނެ ކަމަށެވެ. މީގެއިތުރުން، ގައުމުގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު، ރައްޔިތުންގެ ވޯޓަކުން ދެވަނަ ދައުރަކަށް އިންތިޚާބު ނުކުރިނަމަވެސް، މިއަދު ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމުގައި ހުންނަވައިގެން އެއަށްވުރެ ޒިންމާދާރުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް