ލަންކާ ކާބޯތަކެއްޗަށް ޖެހި، ހާލަތު ގޯސްވެދާނެކަމުގެ އިންޒާރު އދ.އިން ދީފި

ލަންކާގެ ހާލަތު: އެގައުމުގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު އދ. އިން ދޭ- ފޮޓޯ: އޭއެފްޕީ

އަވަށްޓެރި ސްރީލަންކާ ކާބޯތަކެއްޗަށް ޖެހި، ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު އދ.އިން ދީފިއެވެ.

އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ލަންކާ މީހުންގެ އަދަދު 3.4 މިލިއަނަށް އަރާފައިވާއިރު، ކާބޯތަކެއްޗަށް ޖެހި ގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް އދ.އިން ވަނީ ބުނެފައެވެ.

މިދިޔަ ޖުލައި މަހު ލަންކާ ބަނގުރޫޓުވެފައިވާކަމަށް އިއުލާންކޮށްފައިވާއިރު، އދ.އިން އަންނަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، މިހައިތަނަށް 79 މިލިއަން ޑޮލަރުގެ އެހީ ލަންކާގެ ބޭނުންޖެހިފައިވާ މީހުންނަށް ހޯދާދީފައިވާއިރު، ފަގީރުންގެ އަދަދު އިތުރުވުމާއެކު އިތުރު 70 މިލިއަން ޑޮލަރު ބޭނުންވާކަމަށް އެ އިދާރާއިން ބުނެއެވެ.

"ދަނޑުވެރިކަން ދަށްވުމާއި، ފޮރިން އެކްސްޗޭންޖް ދަށްވުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގޭބިސީތަކުގެ ޕާޗޭސިންގ ޕަވަރ ވަނީ ދަށްވެފައި" އދ.އިން ބުންޏެވެ.

އދ.ގެ އިދާރާތަކުން މިދިޔަ ޖޫން މަހު ލަފާކުރި ގޮތުގައި ލަންކާގެ އާބާދީގެ 22 މިލިއަން މީހުންގެ ތެރެއިން 1.7 މިލިއަން މީހުންނަށް އެހީތެރިކަން ބޭނުންވެއެވެ.

އދ.އިން ވަނީ ލަންކާގެ މާބަނޑު އަންހެނުންނާއި ސްކޫލް ދަރިވަރުންނަށް ކާބޯތަކެތި ލިބޭނެ އިންތިޒާމުތައް ފަހިކުރުމުގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިންނަށް އިނާޔަތްތަކެއް ދިނުމަށް ރާވާފައެވެ.

މީގެ 74 އަހަރު ކުރިން، 1948 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނުފަހުން ލަންކާގެ އިގުތިސާދީ ހާލަތު ދަށަށް ނުދާވަރަށް މިހާރު ވަނީ ގޮސްފައެވެ.

comment ކޮމެންޓް