ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވާލާނަން: ޔާމީން

ހުޅުމީދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީނު ވާހަކަދައްކަވަނީ-- ފޮޓޯ/ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވާލާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ސިޓީއެއްގެ ދަރަޖަ ލިބި އަންނަންޖެހޭ ތަރައްގީ ނައިސް ބައެއްގެ ބާރުގެ ދަށުގައި އައްޑޫ ފިތިގެން ތިބެންޖެހޭ ސަބަބެއް އެމަނިކުފާނަކަށް ނުވިސްނޭ ކަމަށެވެ. އެހެންކަމުން ލޯކަލް ގަވަމަންޓާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހުޅުމީދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް

އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ސިޓީ ތަރައްގީގެ ކުރިމަގު ދެ ދިމާލަކުން ފެންނަކަމަށެވެ. މީގެ ތެރެއިން އެއް ދިމާލަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ކަމަށާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ވަރުގަދަވާއިރު، އައްޑޫ ސިޓީގައި ހުރި ރިސޯޓުތައް ހުއްޓިފައި އޮންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަން ނިމުނުއިރު، މަސްވެރިން ބާނާމަސް ރައްކާކޮށް ބެހެއްޓުމަށް އައްޑޫ ސިޓީގައި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނާނެ. މަސް ބަންދުކުރެވޭނެ ކާރުހާނާ ހެދުމުގެ މަސައްކަތް ފަށަން އުޅެނިކޮށް ދައުރު ހަމަވީ. ދެން ގަން އެއާޕޯޓުވެސް އަޅުގަނޑު ދަންނަވާނީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު ހަމަޔަކަށް އެޅުވެން ޖެހޭނެއޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ހުޅުމީދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް

މި ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ މި ސަރުކާރުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވަނުމަށް ފުރުސަތުދޭ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. މިގޮތުން އިންޑިއާ ސިފައިން އައްޑޫގައި ގާއިމްވެ ތިބޭ ތިބުމަށް ފުރުސަތު ދެވިގެން ނުވާނޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އައްޑޫއިން އިންޑިއާ ސިފައިން ބޭލުމުގައި އެސިޓީގެ ރައްޔިތުން ނިކުތުމަށް ގޮވާލައްވާފައެވެ.

އައްޑޫ ސިޓީގެ މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޔާމީން 2018 ވަނަ އަހަރު ވެސް ވެވަޑައިގެންނެވި ވައުދެކެވެ. އަދި އެއް ފަޅެއްގެ ތެރޭގައި ފާލަމަކުން ގުޅާލެވޭ ގޮތަށް އޮންނަ، މީހުން ދިރިއުޅޭ ރަށްތައް ފާލަމަކުން ގުޅާލުމުގެ މަސައްކަތް ކުރުމަކީ ވެރިކަން ކުރާ އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ.

comment ކޮމެންޓް