އުތުރުކޮރެއާއާ ކުރިމަތިލުމަށްޓަކައި ޖަޕާނުން އަސްކަރީ ބާރު ވަރުގަދަކުރަނީ

ޖަޕާނުގެ ބޮޑުވަޒީރު ކިޝީދާ

ޓޯކިޔޯ (8 ނޮވެމްބަރު 2022): އުތުރުކޮރެއާގެ ފަރާތުން ނުރައްކާތައް ކުރިމަތިވަމުންދާތީ އަސްކަރީ ބާރު ވަރުގަދަ ކުރަންޖެހޭ ކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާނުގައި ބޭއްވި އަސްކަރީ ސާމާނުތައް ދައްކާލުމުގެ މައުރަޒެއްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ފޯމިޔޯ ކިޝީދާ ވިދާޅުވީ އުތުރުކޮރެއާއިން ތަޖުރިބާކުރާ މިސައިލްތަކާއި ނިއުކްލިޔާ ބޮންތަކުގެ ނުރައްކާ ޖަޕާނަށް ވަރަށްބޮޑުވަމުންދާ ކަމަށާއި އެކަންކަމާ ދެކޮޅަށް އަމިއްލަ ދިފާއު ވަރުގަދަ ކުރުމުގެ މަސައްކަތް ޖަޕާނުން ފަށާފައިވާ ކަމުގައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކިޝީދާގެ ވާހަކަފުޅުގައި އުތުރުކޮރެއާއިން މިސައިލްތަކާއި ނިއުކްލިޔާ ތަޖުރިބާތައް ކުރަންޖެހެނީ ދެކުނު ކޮރެއާގައި އެމެރިކާ އެތައް ހާސް ސިފައިން ބައިތިއްބައިގެން ގިނަ އަދަދެއްގެ ހަތިޔާރުތައް ރުކުރުވާލައިގެން އުތުރުކޮރެއާއާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުންކަން ހާމައެއް ނުކުރައްވައެވެ.

ކިޝީދާ ވިދާޅުވިގޮތުގައި އުތުރުކޮރެއާގެ ފަރާތުން ކުރިމަތިވާ އަސްކަރީ ނުރައްކާތައް ދުވަހެއް ދުވަހަކަށްދަނީ ބޮޑުވަމުންނެވެ. އުތުރު ކޮރެއާއިން އެންމެފަހުން ތަޖުރިބާކުރި މިސައިލެއް ދަތުރުކޮށްފައިވަނީ ޖަޕާނުގެ ވައިގެ ސަރަޙައްދުގެ ތެރެއިންނެވެ. އެމިސައިލް އޭގެ އަމާޒަށް ވާސިލްވީ ޖަޕާނުގެ މަތިންދަތުރުކޮށްފައިކަމުން އެއީ ޖަޕާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކެނޑުންކަމަށް ޖަޕާނުންވަނީ ސިފަކޮށްފައެވެ.

އުތުރުކޮރެއާގެ މިތަޖުރިބާއާ ގުޅިގެން ޖަޕާނުގެ ސިފައިންނާއި ބަރުހަތިޔާރުތައްވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. ކިޝީދާ ވިދާޅުވިގޮތުގައި އުތުރުކޮރެއާގެ މިއަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ ބިރުދެއްކުމާއި ޖެއްސުންކުރުމުގެ އަމަލުތަކެކެވެ. މިކަން ބަލައެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރުކޮރެއާ ދައްކަމުން ގެންދާ ބިރުތަކުން ޖަޕާނުގެ ރައްޔިތުންނާއި އެގައުމުގެ ބިމާއި ގައުމީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ޓަކައި އަސްކަރީ ބާރުއިތުރަށް ވަރުގަދަކޮށް ފުޅާކުރަންޖެހޭތީ އެކަމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްގެންދާކަން ކިޝީދާ ހާމަކުރެއްވިއެވެ.

އަސްކަރީބާރު ވަރުގަދަ ކުރުމަށް ޖަޕާނުން ކުރިއަށްގެންދާ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެގައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް އިތުރުކުރުމާއި މިސައިލުން ސަލާމަތްވާ ވައިގެ ދިފާއީ ނިޒާމުތައް އިތުރަށް ހޯދުމާއި ޖާސޫސީ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ. މީގެއިތުރުން ސިފައިންގެ ތެރެއަށް އިތުރު މީހުން ވައްދައި ލަޝްކަރު ބޮޑުކޮށް ސިފައިންގެ އަދަދު އިތުރުކުރުމާއި ސިފައިންގެ މުސާރަތަކާއި އިނާޔަތްތައް އިތުރުކުރުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.

ޖަޕާނަކީ ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާގޮތަށް ކަންކަން ރާވާފައިވާ ގައުމެކެވެ. ޖަޕާނުގެ ހިމާޔަތުގައި ކަމަށްބުނެ އެމެރިކާވަނީ ޖަޕާނުގައި 30،000 އަށްވުރެ ބޮޑު ލަޝްކަރެއް ބަރުހަތިޔާރާއެކު ރުކުރުވާލާފައެވެ. މި ލަޝްކަރުގެ އަމާޒަކީ އުތުރުކޮރެއާ ކަމަށް އުތުރުކޮރެއާއިން ދެކެއެވެ.

މީގެއިތުރުން އުތުރުކޮރެއާއަށް ބިރު ދެއްކުމާއި ސަރަހައްދުގައި ހަމަނުޖެހުން ހިންގުމާއި ހަރުކަށި އަމަލުތަކަށް މަގުފަހިކުރުމާއި އެމެރިކާއާ އިދިކޮޅު ގައުމުތަކަށް ބިރުދައްކައި ސަރަހައްދުގައި ހަންފެތުރުމަކީވެސް އެމެރިކާގެ މަގްސަދެއްކަމަށް އުތުރުކޮރެއާއިން ބުނެއެވެ.

އެމެރިކާއަކީ އެސަރަހައްދާ އެތައް ހާސް ކިލޯމީޓަރެއްގެ ދުރުގައިވާ ގައުމެކެވެ. އެމެރިކާއިން އެސަރައްދަށް ސިފައިންނާއި ހަތިޔާރު ޖަމާކުރުމުގެ ބޭނުމާއި އޭގެ މަގްސަދާމެދު އުތުރުކޮރެއާވަނީ އެތައް ފަހަރަކު ސުވާލު އުފައްދާފައެވެ.

comment ކޮމެންޓް