އައިޔޫއެމްގެ އަންނަ އަހަރުގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

އިސްލާމިކް ޔުނިވާސިޓީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ އަންނަ އަހަރުގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްލަ 58 ކޯހަކަށް ވަނުމަަށް އައިޔޫއެމްއިން ފުރުސަތު ހުޅުވާލިއިރު، މި ކޯސްތައް ފުވައްމުލަކު ސިޓީ، ލ. ފޮނަދޫ، ހދ. ހަނިމާދޫ، ޅ. ނައިފަރު އަދި ސ. މީދޫގެ އައިޔޫއެމްގެ ސެންޓަރުތަކުގައި ކުރިއަށްދާނެއެވެ.

އައިޔޫއެމްއިން ބުނިގޮތުގައި އެ ޔުނިވާސިޓީގެ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް 100 އިންސައްތަ ޓިއުޝަންފީ ހިލޭ ކޯސްތަކެކެވެ.

ކޯސްތަަކޭބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ޔުނިވާސޓީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 3022120 އަދި 7923247 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.

މާލެއިން އައިޔޫއެމްގެ ފޯމާއެކު ތަކެތި ހުށަހަޅާނަމަ، އެޔުނިވާސިޓީގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ. އަދި ލ. ފޮނަދޫނަމަ އެރަށުގެ ކުރީގެ ސިރާޖުއްދީން ޕްރީ ސްކޫލަށް، ފުވައްމުލަކު ސިޓީ ނަމަ، އެރަށުގެ ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީގެ އިމާރާތް، ޅ. ނައިފަރުނަމަ އެރަށުގެ ކުރީގެ ނޫރާނީ ޕްރީ ސްކޫލް، ހދ. ހަނިމާދޫގެ އައިޔޫއެމް ލާނިން ސެންޓަރު އަދި އައްޑޫ ސިޓީ މީދޫ ނަމަ، އެރަށުގެ ޝަމްސުއްދީން ލާނިން ސެންޓަރަށް ހުށަހެޅޭނެއެވެ.

އީމެއިލް މެދުވެރިކޮށްވެސް ފޯމް ހުށެހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން [email protected] އަށް އީމެއިލްކޮށް، ވެބްސައިޓުން ނަމަ، ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށެހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އައިޔޫއެމްގެ ކޯސްތަކަށް ވަނުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ 13:00 އެވެ.

comment ކޮމެންޓް