ދޮންދަރިއަކާ ބެހުނު ދޮންބައްޕަ 15 އަހަރަށް ޖަލަށް

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ކުޑަ ފިރިހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގި ދޮންބައްޕަ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޮން ދަރިއަކާ އެކު ޖިންސީ އަމަލު ހިންގިކަން ސާބިތުވި ދޮންބައްޕަ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މެދު ރާއްޖެތެރޭ ރަށެއްގައި މީގެ ތިން އަހަރު ކުރިން ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި ދޮންބައްޕައަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައިހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދައުވާގެ އިތުރުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާއެވެ.

އެ ދެ ދައުވާގެ ތެރެއިން ދޮންބައްޕަގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައިހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދައުވާއެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން ދޮންބައްޕަ 15 އަހަރަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ކުށުގެ ތުހުމަތުގައި އޭނާ ބަންދުގައި ހޭދަކުރި ތިން އަހަރާއި ތިން މަހާއި 13 ދުވަސް އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި އަށް މަހާއި 17 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ ތިން އަހަރު ކުރިން އެ މައްސަލަ ފެންމަތިވީ އެ ފިރިހެން ކުޑަކުއްޖާގެ އަމަލުތައް ހުރި ގޮތުން އޭނާ ކިޔަވަމުންދާ ސްކޫލްގެ އިސްވެރިން އެކަން އިތުރަށް ބެލުމުންނެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ދޮންބައްޕައަށް ތުހުމަތު ކުރެވުމުން އޭނާ ވަގުތުން ހައްޔަރު ވެސް ކުރިއެވެ. މީގެ ކުރިން ތިން ކައިވެންޏެއްކޮށް ތިން ދަރިންވެސް ލިބިފައިވާ ދެެބައި އުމުރުގެ އެ ފިރިހެންމީހާއާ ގުޅޭ ގޮތުން އެފަދަ ޝައްކެއް އަދި ޝަކުވާއެއް ވެސް ފެންމަތިވެފައި ނުވާކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދޮންބައްޕަ ޖިންސީ އަމަލެއް ހިންގާފައިވަނީ އޭނާ ފަސް ވަނަ ކައިވެނި ކޮށްގެން އުޅޭ އަންހެން މީހާއަށް މީގެ ކުރިން ލިބިފައިހުރި ދަރިއަކަށެވެ. އަދި މި ދެމީހުންގެ ކައިވެންޏަށް ދަރިއެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް