ދުނިޔޭގެ މުސޫމާބެހޭ ސަމިޓް ކޮޕް 27 މިސްރުގެ ޝަރުމުއްޝައިޚްގައި ފަށައިފި

ކޮޕް 27 ސަމިޓް ފެށިގެން ކުރިޔަށްދަނީ

ޝަރުމުއްޝައިޚް (7 ނޮވެމްބަރު 2022): ދުނިޔެ ހޫނުވާ މިންވަރު ދެ ޑިގްރީ ސެލްސިސްއަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ބާއްވާ މަހާސިންތާތަކުގެ ތެރެއިން 27 ވަނަ މަހާސިންތާ "ކޮޕް 27" މިސްރުގެ ރެސޯޓް ރަށެއްކަމަށްވާ ޝަރުމުއްޝައިޚްގައި ފަށައިފިއެވެ.

ނޮވެމްބަރު ހަޔެކުން 18ށް ކުރިޔަށްދާ މި ސަމިޓްގައި ދުނިޔޭގެ އެކި ގައުމުތަކުން 40 ހާހަށްވުރެ ގިނަ މީހުން ބައިވެރިވާގޮތަށް ހަމަޖެހިފައިވީނަމަވެސް މިއަދަދަށް މީހުން ބައިވެރިވާނެކަމަށް ނުބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮޕް 27 ގައި ބައިވެރިވާނެކަމަށް ބެލެވިފައިވާ ދުނިޔޭގެ ލީޑަރުންގެ ތެރެއިން ޗައިނާއާއި ރަޝިއާގެ ރައީސުން ބައިވެރިވެވަޑައި ނުގަންނަވާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިވެރިވެވަޑައިގަންނަވާނީ މިމަހުގެ 11 ވަނަ ދުވަހު ކުޑަވަގުތުކޮޅަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިސްރުގެ ޝަރުމުއްޝައިޚް

ދެހާސް ތިރީސް ވަނަ އަހަރަށް ވާސިލްވުމުގެ ކުރިން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ނުވަ އިންސައްތައަށް ދަށްކުރުމަށް ދުނިޔޭގެ 143 ގައުމަކުން ކުރިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް މިކަން ތަންފީޒު ކުރުމުގައި އެގައުމުތައް ނާކާމިޔާބުވެފައިވުމާއެކު މިއީ ހާސިލު ނުކުރެވޭނެ ލަނޑުދަނޑިއެއްކަން މިހާރުވަނީ ކަށަވަރުވެފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިނގިރޭސިވިލާތުގައި ބޭއްވި ކޮޕް 26 ސަމިޓަކީ ދުނިޔެ ހޫނުވާ މިންވަރު ދެ ޑިގްރީ ސެލްސިސްއަށްވެރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ގައުމުތަކަށް ލިބޭނެ އެންމެފަހު ފުރުސަތު ކަމަށް އެ ސަމިޓުން ބުނެފައިވެއެވެ.

ކޮޕް 27ގެ ސަމިޓް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސުމާބެހޭ އދ. ގެ އިސް މަސްއޫލުވެރިޔާ ސައިމަން ސްޓިޔޭލް ވިދާޅުވީ ދުނިޔެ ހޫނުވާ މިންވަރު ދެ ޑިގްރީ ސެލްސިސްއަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދުނިޔޭގެ ގައުމުތައް އަދިވެސް އުޅެނީ އުންމީދުކުރެވުނު ވަރަށްވުރެ ފަހަތުގައެވެ.

މިއީ މިދިޔަ އަހަރު ބޭއްވި ކޮޕް 26 ގައި ނިންމި ނިންމުންތައްވެސް ތަންފީޒު ނުކުރެވޭކަމާއި ދުނިޔޭގެ ޖައްވު ހޫނުވަމުންދާ ދިޔުން ކޮންޓްރޯލެއް ނުކުރެވޭނެކަމަށް ނުސީދާގޮތެއްގައި އދ. ން އިއުތިރާފު ވުންކަމަށް މުރާސިލުން ބުނެއެވެ.

ކޮޕް 27އާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ ވަނީ ދުނިޔޭގެ ޖައްވު ހޫނުކުރާ ގްރީންހައުސް ގޭސްތައް ޖައްވުގެ ތެރެއަށް ބޭރުވާ މިންވަރު ކޮންޓުރޯލް ކުރުމަށް ކުރެވެންއޮތްހާ މަސައްކަތްތަކެއް ކުރުމަށް މުޅި ދުނިޔެއަށް އިލްތިމާސް ކުރައްވާފައެވެ.

ސީސީ ވިދާޅުވި ގޮތުގައި ކޮޕް27 މިސްރުގައި ބޭއްވުމަކީ މިސްރަށް ލިބޭ ކާމިޔާބެކެވެ. ނަމަވެސް ކޮޕް 27 ސަމިޓް ބޭއްވެމުން މިދަނީ ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ވޭންދެނިވި ކާރިސާތަކެއް އިންސާނުން ތަހައްމަލު ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ލިބުނު ބޮޑެތި ގެއްލުންތަކަކީ މިފަދަ ކާރިސާއެއްކަން ސީސީ ފާހަގަ ކުރެއްވިއެވެ.

ދުނިޔެ ހޫނުވާ މިންވަރު ދެ ޑިގްރީ ސެލްސިސްއަށް ވުރެ މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދުނިޔެ ނާކާމިޔާބުވުމުގެ ނަތީޖާއެއްގެ ގޮތުން މި ގަރުނުގެ ފަހުކޮޅާ ހަމައަށް ދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެކަމަށް އދ. ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމް "ޔުނެޕް" އިން ލަފާކުރެއެވެ.

މިސްރުގެ ރެސޯޓް ރަށެއްކަމަށްވާ ޝަރުމުއްޝައިޚް

ޖައްވު ހޫނުވުމަށް މަގުފަހި ވަނީ ޖައްވަށް ބޭރުކުރާ ކާބަން ގޭސްތަކުގެ ސަބަބުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޖައްވު ހޫނުކުރާ ކާބަން ގޭސްތަކާއި އެނޫންވެސް ތިމާވެއްޓަށް ގެއްލުންދޭ މާއްދާތައް ހިމެނޭ ގޭސްތަކުގެ ގާތްގަނޑަކަށް 78 އިންސައްތަ އުފައްދަނީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 20 ގައުމުންނެވެ. އެއީ ޖި 20 ގެ ނަމުން ނަންދީފައިވާ ގައުމުތަކެވެ.

މި 20 ގައުމުގެ ތެރެއިން ވެސް ދުނިޔޭގެ ޖައްވަށް ބޭރުވާ ކާބަން ގޭސްތަކުގެ ގާތްގަނޑަކަށް 40 ޕަސެންޓް އުފައްދާކަމަށް ރިޕޯޓްތަކުގައި ފާހަގަކުރާ ތިން ގައުމަކީ އެމެރިކާ، ޗައިނާ އަދި އިންޑިއާ އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށާއި ދުނިޔޭގެ ޖައްވުގެ ހޫނުމިން މައްޗަށް ދިޔަ ނުދިނުމަށް ކޮޕްގެ ސަމިޓްތަކުން ނިންމި ނިންމުންތައް ތަންފީޒު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މި ގަރުނު ނިމޭއިރު ޖައްވަށްދާ ކާބަން ގޭސްތައް މިހާރުހުރި މިންވަރަށްވުރެ 16 ޕަސެންޓް އިތުރުވާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ހޫނުމިންވެސް މިގަރުނު ނިމޭއިރު 2.7 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެކަމަށް ކަމާބެހޭ ދިރާސާތަކުގެ އަލީގައި އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމުން ލަފާކުރެއެވެ. ނަމަވެސް ކޮޕްގެ ސަމިޓްތަކުގެ އަމާޒަކީ ދުނިޔެ ހޫނުވާ މިންވަރު ދެ ޑިގްރީ ސެލްސިސްއަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމެވެ.

comment ކޮމެންޓް