ލަންކާގެ ކްރިކެޓް ކުޅުންތެރިއަކު ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ސްރީލަންކާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ދަނުޝްކާ ގުނަތިލަކާ-- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ދަނުޝްކާ ގުނަތިލަކާ, ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ދަނުޝްކާ ހައްޔަރުކޮށްފައިވަނީ އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓްވެންޓީ20 ވޯލްޑްކަޕުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ކްރިކެޓް ވޯލްޑްކަޕުގެ ފުރަތަމަ ރައުންޑަށްފަހު ރޫލްއައުޓުވި ދަނުޝްކާ ހައްޔަރުކޮށްފައި ވަނީ ސިޑްނީގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައަކާ ގުޅިގެންނެވެ.

"ސިޑްނީގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ލަންކާގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައި" ނިއު ސައުތު ވޭލްސްގެ ފުލުހުންގެ ބަޔާނުގައި ވެއެވެ.

ދަނުޝްކާ ހައްޔަރުކޮށްފައިވާކަން ސްރީލަންކާއަށް އަންގާފައިވާއިރު، އޭނާގެ މައްޗަށް ކުރެވޭ ދައުވާ ސާބިތުވެއްޖެނަމަ އައިސީސީއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

އުމުރުން 29 އަހަރުގެ އަންހެނަކަށް ފުރައްސާރަކޮށް ރޭޕްކުރިކަމުގެ ރިޕޯޓް އެ ގައުމުގެ ފުލުހުންނަށް ލިބުމާއެކު އެކަން ކުރީ ކާކުތޯ ދެނެގަނެވި، ދަނުޝްކާގެ މައްޗަށް ވަގުތުން ވަގުތަށް ދައުވާ އުފުލިއެވެ.

ސިޑްނީގެ ހޮޓަލެއްގައި ހުއްޓާ ދަނުޝްކާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ ހަތަރު ފަހަރެއްގެ މަތިން އިޒުނައާ ނުލައި އަންހެނަކާ އެކީ ޖިންސީ ގުޅުން ހިންގިކަމުގެ ދައުވާއެވެ.

ކަފާލާތުގެ ދަށުން މިނިވަންވުމަށް ދަނުޝްކާ އެދުމުންވެސް އޭނާ މިނިވަންކުރުމަށް އެ ގައުމުގެ ކޯޓުން ދެކޮޅު ހެދިއެވެ. އަދި ހޯމަ ދުވަހު ސިޑްނީގެ ވެވާލީ ކޯޓަށް ހާޒިރުވާން އޭނާއަށް ވަނީ އަންގާފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބައިނަލްއަގުވާމީ ކްރިކެޓުގެ މައިދާނަށް ނިކުތް ދަނުޝްކާ ވަނީ 8 ޓެސްޓާއި، 47 އޯޑީއައި އަދި 46 ޓީ20ގައި ކުޅެފައެވެ.

comment ކޮމެންޓް