އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށް އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
ޗެލްސީގެ އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗު ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސް އާސެނަލް އިން މޮޅަށް ކުޅެފައިވާއިރު، މެޗުގައި ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް އުފައްދާފައި ވަނީ ވެސް އެ ޓީމުންނެވެ.
މެޗުގައި ޗެލްސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް، އެޓީމަށް ވެސް ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތުތައް ލިބިފައެވެ. މެޗުގައި އާސެނަލްގެ ކުރީގެ ފޯވާޑް އުބަމެޔަން ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނިކުމެފައެވެ. ނަމަވެސް މި މެޗުގައި އުބަމެޔަންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނުތަނުގައި އޭނާއަށް ވަނީ މެޗުގެ 27 ވަނަ މިނެޓް ތެރޭގައި ރީނދޫ ކާޑެއް ވެސް ދައްކާފައެވެ. ފަހުން މެޗުގެ 64 ވަނަ މިނެޓް ތެރޭގައި ވަނީ އުބަމެޔަން ބަދަލުކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ 63 ވަނަ މިނެޓް ތެރޭގައި، ބްރެޒިލްގެ މަގަލާއިސް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މެޗަށްފަހު ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ދެ ޕޮއިންޓްގެ ލީޑަކާއިއެކު ތާވަލުގެ އެއްވަނާގައި އުޅެނީ އާސެނަލެވެ. ލީގްގައި މިހާތަނަށް 13 މެޗް ކުޅެފައިވާއިރު، އާސެނަލަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ދެވަނައިގަ އުޅޭ މެންޗެސްޓަރ ސިޓީއަށް 32 ޕޮއިންޓް ލިބިފައިވާއިރު، މެޗުން ބަލިވި ޗެލްސީ އުޅެނީ 21 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ.