ހިތަދޫ ހިރާ ސްކޫލުގެ ދަރިވަރަކު ކޮޕް ސަމިޓުގައި ބައިވެރިވުމަށް މިސްރަށް

ހިރާ ސްކޫލުގެ ދަރިވަރުން ރައީސް ސޯލިހާއެކު -- ފޮޓޯ: ހިރާ ސްކޫލް

ދުނިޔޭގެ ތިމާވެށީގެ ކަންކަމާ ގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ސަމިޓު، ކޮޕް27 ސަމިޓުގައި ބައިވެރިވުމަށް އައްޑޫ ސިޓީ ހިތަދޫ ހިރާ ސްކޫލުގެ ދަރިވަރަކު މިސްރަށް ފުރައިފިއެވެ.

ހިރާ ސްކޫލަށް މި އަހަރުވަނީ ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ލިބިފައެވެ. ކޮޕް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ އެ ޕްރައިޒް ހާސިލްކޮށްފައިވާތީ ޒައިދު ސަސްޓެއިނެބިލިޓީ ތަމްސީލުކުރަން ދިން ފުރުސަތެއްގެ ތެރެއިންނެވެ.

ހިރާ ސްކޫލުން މިސްރަށް ފުރާފައިވަނީ އެ ސްކޫލުގެ ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އައިޝާ ސާރާއެވެ.

ހިރާ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ރިސާލާ ވިދާޅުވީ މިއީ އެ ސްކޫލަށާއި ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.

"އަޅުގަނޑުމެންގެ ކުދިންނަށް މި ފުރުސަތު ހުޅުވިފައި އޮތީމާ މިއީ އެހެނިހެން މިކަހަލަ ޕްލެޓުފޯމްތަަކަށް އެކްސްޕޯސްވާން ލިބޭ ފުރުސަތެއް. ޚާއްސަކޮށް މިކަހަލަ އިންޓަނޭޝަނަލް ކޮންފަރެންސްތަކުގައި ބައިވެރިވުމަކީ ލިބޭ ކުރިއެރުމެއް އެ ކުދިންނަށް ވެސް،" އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިރާ ސްކޫލަށް ލިބުނު ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް -- ފޮޓޯ/ ހިރާ ސްކޫލް

ޒައިދު ސަސްޓެއިނެބިލިޓީ ޕްރައިޒަކީ ތިމާވެށީގެ ކަންކަމާ ގުޅޭގޮތުން ސަސްޓެއިނެބެލް ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ކަންކަން ދައްކާ ޕްރޮޖެކްޓެއް ހުށަހަޅައިގެން ލިބޭ އެވޯޑެކެވެ.

އެގޮތުން ހިރާ ސްކޫލުން ސައުތު އީސްޓު އޭޝިއާ ރީޖަންގެ ހައިސްކޫލް ކެޓެގަރީގެ އެވޯޑު ހާސިލްކުރީ ހިރާ ސްކޫލެވެ.

ކޮޕް27ގެ ނަމުގައި ބާއްވާ ތިމާވެއްޓާ ބެހޭ ދުނިޔޭގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހު 18އަށް މިސްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމު އައްޝައިޚްގައެވެ.

comment ކޮމެންޓް