ކުޑަހުވަދު އާއި ފުނަދޫ ކޯޓަށް މެޖިސްޓްރޭޓުން ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން: ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ވަނީ އައްޔަނު ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދ. ކުޑަހުވަދު އާއި ށ. ފުނަދޫ ކޯޓަށް މެޖިސްޓްރޭޓުން އައްޔަނު ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ދެ ރަށުގެ ކޯޓަށް މެޖިސްޓްރޭޓުން އައްޔަނު ކޮށްފައިވަނީ ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަވިއުކުރުމަށްފަހުގައި ކަމަށެވެ.

އެގޮތުން ކުޑުހުވަދޫ ކޯޓަށް އައްޔަނު ކޮށްފައިވަނީ މ.ވޭވަށް، ކޯނަރ، ޔާސިރު މުޙައްމަދުއެވެ. އޭނާ ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. އަދި ތިން އަހަރު ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތްކޮށްދެއްވައި، 2019 ފެބްރުއަރީ 11އިން ފެށިގެން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް ވެސް އަދާކުރައްވާފައިވެއެވެ.

ފުނަދޫ ކޯޓަށް އައްޔަނު ކޮށްފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އިބްރާހިމް ނަޢީމްއެވެ. އޭނާ ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ޝަރިޢާ އެންޑް ލޯ ހާސިލްކުރައްވައި، ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ. އަދި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުޢީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާ 2021 އޮގަސްޓް އިން ފެށިގެން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމް ވެސް ވަނީ އަދާކުރައްވާފައެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މެޖިސްޓްރޭޓުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް