އަމީނީމަގުގެ ފުރަތަމަ ބައިގެ ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތައް ނިންމާލައިފި

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ މާލޭގެ އަމީނީމަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރު އެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތްތައް ނިންމާލައިފިއެވެ.

އަމީނީމަގުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނީ, އެ މަގުގެ ސެގްމެންޓް އެކެއް ގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި ސްޓޯމް ވޯޓާ ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައި ކަމަށެވެ.

އަމީނީމަގުގެ ސެގްމެންޓް އެކެއްގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކެވެ. އަދި ތާރުއަޅަން ފެށުމުގެ ކުރިން މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ވެސް އާރުޑީސީން އަންނަނީ ކުރަމުންނެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ އޮގަސްޓް މަހުގެ ތިނެއްގައެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރާނެ ކަންކަން:

  • ދުވާރުގައި ލޯފަން މީހުނަށް ޚާއްސަ ބްރެއިލް ބްލޮކްސް ޖެހުން
  • ފުރޮޅުލީ ގޮނޑި ބޭނުން ކުރާ މީހުނަށް އެކްސެސް ވެވޭނެހެން ހެދުން
  • މަގުގެ ދެފަރާތުގައި މަގު ބައްތި ހަރުކުރުން
  • ބަންޕަރުތައް ހެދުން
  • ބަސް ހުއްޓިއާއި ސައިން ބޯޑުތައް ހަރުކުރުން
  • މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުން
  • ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުން
  • އެޗްވީ ކޭބަލަށް ޚާއްސަ ޖަންކްޝަން ހެދުން

ޖުމްލަ 84 މިލިއަން ރުފިޔާގެ އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.

comment ކޮމެންޓް