ފުނަދޫގައި ދޯންޏެއްގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިއްޖެ

ފުނަދޫ ފަޅުގައި އޮތް ދޯންޏެއްގައި ރޯވި އަލިފާން ގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނިކޮށް

ށ. ފުނަދޫ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އެ ދޯންޏަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

އަލިފާން ރޯވެފައިވަނީ "ރިއްމަސް" ނަމަކަށް ކިޔާ މަސް ދޯންޏެއްގައެވެ.

ފުލުހުން ބުނީ މިއަދު 11:15ހާއިރު އެ ހާދިސާ ހިނގިކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަން ހިނގައިދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

އަލިފާން ރޯވި ދޯނީގެ ވެރިފަރާތް، އާދަމް އަބްދުﷲ މިއަދު "ސަން"އަށް ބުނީ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދޯނީގެ ގެ ގަނޑާއި ޑެގަށް ކަމަށެވެ. އަލިފާން ރޯވީ ކީއްވެ ކަމެއް އަދި ނޭންގޭ ކަމަށް އޭނާ ބުންޏެވެ.

"ގެއްލުން ޖެހޭނީ ބަލަން ދެން. އަދި ނޭނގޭ. ބޭނުން ނުކުރެވޭ ވަރު ވިކަން ވެސް އެނގޭނީ ބެލީމަ ރަނގަޅަށް. އޭރުން ލިބުނު ގެއްލުންވެސް އެނގޭނީ،" އޭނާ ބުންޏެވެ.

ވެރިފަރާތުން މައުލޫމާތު ދިން ގޮތުގައި މިއީ ދޮށީ މަސްވެރިކަން ކުރާ ދޯންޏެކެވެ. ދޯނި ބަނުމަށް އެކަނި ވެސް ހަތް ލައްކައެއްހާ ރުފިޔާ ޚަރަދުވިއެވެ. އަދި ވަރަށް ފަހުން ދޯނީގެ އިންޖީނުވަނީ ބަދަލުކޮށްފައެވެ. އެކަމަށް މިލިއަނެއްހާ ރުފިޔާ ހަރަދުވިއިރު އޭގެ ވޮރަންޓީ ހަމަވީ ވެސް ހުސްވި މަހުއެވެ.

މި ދޯންޏަކީ އިންޝުއަރެންސް ކޮށްފައިވާ ދޯންޏެއް ނޫން ކަމަށް ވެސް ވެރިފަރާތުން ބުނެއެވެ.

ފުލުހުން ވެސް ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް