އިމްރާން ޚާން އަވަހާރަކޮށްލަން ހަމަލައެއް ދީފި، ހަށިކޮޅަށް ވަޒަން އެރި

އިމްރާން ޚާން -- ފޮޓޯ/ ބްލޫމްބާގް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގައި ބަޑި ޖަހައި އެމަނިކުފާނު ޒަހަމްކޮށްލައިފިއެވެ.

އިމްރާން ޚާނަށް ތާއިދު ކުރާ މީހުންނާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައިވާ ގޮތުން ޕަންޖާބުގެ ވަޒީރުއާބާދުގައި މިއަދު އޮތް މުޒާހަރާއެއްގައި އެ ހަމަލާ ދީފައި ވަނީ އެ މަނިކުފާނު އަވަހާރަކޮށްލަން ވެގެންނެވެ. އެ ހަމަލާގައި ވަޒަން އަރާފައި ވަނީ ޚާންގެ ފަޔަށް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ހަމަލާގައި ޚާންގެ އިތުރުން އެ ސަރަހައްދަށް އެއްވެ ތިބި އެހެން ބަޔަކު ވެސް ޒަހަމްވި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޚާންގެ ތަހުރީކީ އިންސާފް ޕާޓީގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން އެ ހަމަލާގެ ސަބަބުން ޚާންގެ ފުރާނައަށް ނުރައްކަލެއް އޮތް ކަމަށް ނުބެލެވެއެވެ. އަދި އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ނޫހުގައިވެއެވެ.

އެ ހަމަލާ ދިން މީހާއަކީ ކާކުކަން އަދި ހޯދިފައި ނުވާއިރު ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރައްވައިގެން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ޚާން މިދިޔަ އޭޕްރިލް މަހު މަގާމުން ދުރުކޮށްފައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެންނެވެ.

އޭގެ ފަހުން ޚާން ގެންދަވަނީ އެގައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމެއް ގޮވާލައްވައި ސިލްސިލާ މުޒާހަރާތައް ބާއްވަވަމުންނެވެ.

comment ކޮމެންޓް