ސަސްޕެންޑް ކޮށްފައިވާ އެކައުންޓުތަކަށް ފުރުސަތު ދެވޭނެ ދުވަހެއް ނޭނގޭ: މަސްކް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި މިވަގުތު ހުރި އީލޯން މަސްކަށް ޓްވިޓާ ލިބުމުގެ ކުރިން ޓްވިޓާއިން ބޭރުކޮށްފައިވާ އެކައުންޓުތައް އަލުން ބޭނުން ކުރެވޭނެ ގޮތް ހެދޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގައި އެ އެކައުންޓުތަކަށް ފުރުސަތު ދެވުމަކީ ނާދިރު ކަމެއް ކަމަަށް މަސްކް ބުނެފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭ ގޮތަށް ޓްވިޓާއިން ވަނީ އެ ޕްލެޓްފޯމްގެ ގަވާއިދާ ހިލާފުވެގެން ބައެއް އެކައުންޓުތައް ދާއިމީކޮށް ސަސްޕެންޑުކޮށްފައެވެ.

މަސްކް ބުނީ މަނާކޮށްފައިވާ ޔޫޒަރުންނަށް އެނބުރި އައުމަށް ފުރުސަތު ދެވޭނީ ކޮން އިރަކު އަދި ކިހިނެއްކަން ކަނޑައެޅުމުގެ ޕްރޮސެސްއެއް ގާއިމް ކުރާނެ ކަމަށެވެ. މަސްކް ވަނީ އެއްވެސް މީހަކު ދާއިމީ ގޮތެއްގައި ޓްވިޓާއިން ބޭރު ކުރުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖެނުއަރީ 6، 2021 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ބަޔަކު ވަދެގަތް މައްސަލައާ ގުޅިގެން ޓްރަމްޕް ދާއިމީކޮށް ސަސްޕެންޑް ކުރުމަކީ "ގޯހެއް" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޓްވިޓާއިން އޭރު ބުނެފައި ވަނީ އެ ނިންމުން ނިންމީ "އަނިޔާވެރިކަމަށް އިތުރަށް ބާރުއެޅުމުގެ ނުރައްކާ އޮތުމުން" ކަމަށެވެ.

ޓްވިޓާގެ ކޮންޓެންޓާ މެދު ގޮތް ނިންމާނެ ކައުންސިލެއްގެ ޚިޔާލު މަސްކް ފެންމަތި ކުރެއްވީ ކުންފުނި ގަތުމަށް 44 ބިލިއަން ޑޮލަރުގެ ޑީލް ނިންމާލިތާ މާގިނައިރުތަކެއް ނުވަނީހެވެ. މިދިޔަ މަހުގެ ފަހުކޮޅު އޭނާ ވިދާޅުވީ ޓްވިޓާއިން އެކައުންޓްތައް އަލުން ގާއިމްކުރުމާ ގުޅޭ ގޮތުން އެއްވެސް ގޮތެއް ނިންމާނީ ކައުންސިލް ޖަލްސާއެއް ބޭއްވުމަށްފަހު ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މަސްކް ވަނީ އެ ކައުންސިލާ ބެހޭ އިތުރު ތަފްސީލު ދެއްވާފައެވެ. އޭނާ ޓްވިޓާގައި ވިދާޅުވީ އެ ކައުންސިލުގައި "ތަފާތު ފިކުރުގެ މަންދޫބުން ހިމެނޭނެ ކަމަށާއި، އޭގެ ތެރޭގައި މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތައް" ހިމެނޭނެ ކަމަށެވެ.

ޓްވިޓާގެ މިލްކުވެރިކަން ބަދަލުވި ފަހުން ކުރިމަތިވާ އެންމެ ބޮޑު އިންތިޚާބު ކަމަށްވާ، އެމެރިކާގެ އާންމު އިންތިޚާބު އަންނަ މަހުގެ އަށެއްގައި ބާއްވާނެއެވެ.

މަސްކް ޓްވިޓާއާ ހަވާލުވި ފަހުން މިހާރު ވެސް ވަނީ ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފައެވެ. މިސާލަކަށް އެރިޒޯނާގެ ރިޕަބްލިކަން ޕާޓީގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ކެންޑިޑޭޓް މާކް ފިންޗެމްގެ އެކައުންޓަށް އަޅާފައިވާ ފިޔާވަޅުތަކެއް އުވާލަން އޭނާ އެދުމުން، އޭގެ ގަޑިއެއްހާއިރު ފަހުން އެ ފިޔަވަޅުތައް ވަނީ އުވާލާފައެވެ.

ފިންޗެމްގެ އެކައުންޓަށް އަޅާފައި އޮތް ފިޔަވަޅުތަކުގެ ސަބަބުން، އޭނާއަށް ޓްވީޓް ނުކުރެވެއެވެ. އަދި އެހެން މީހުންގެ ޓްވީޓްތަކަށް 'ލައިކް' ދީ، ޖަވާބެއް ވެސް ނުދެވެއެވެ.

ފިންޗެމް އަކީ، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ރައީސް ޖޯ ބައިޑެން ކުރި ހޯއްދެވުމުން އެއީ ސައްހަ ނޫން އިންތިހާބެއް ކަމަށް ބުނާ މީހުންގެ ތެރެއިން އެކަކެވެ. އަދި އޭނާ ވަނީ ޔަހޫދީ ދީނުގެ މީހުންނަށް ފާޑު ކިޔައި، ފިތުނަ އުފެދޭ ފަދަ ވާހަކަތައް ޓްވިޓާގައި ހިއްސާކޮށްފައެވެ.

comment ކޮމެންޓް