އަމާޒަކީ އަންނަ އަހަރުގެ ތެރޭ މީހުން ފްލެޓުތަކުގައި ދިރިއުޅެން ފެށޭވަރު ކުރުން: ސަރުކާރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުގައި އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމައި، އޭގެން ބައެއް ފްލެޓުތަކުގައި އަންނަ އަހަރު މީހުންނަށް ދިރިއުޅެވެން ފެށޭވަރުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާރު ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ނޫސްވެރިންނަށް ސަރުކާރުންވަނީ އިއްޔެ ދައްކައިލައިފައެވެ.

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ޖުމްލަ 6،175 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.

ފްލެޓުތަކުގެ މަސައްކަތް ދައްކައިލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ 54 ޓަވަރުގެ އަމަލީ މަސައްކަތް ކުރެވެމުން އަންނަަކަމަށެވެ.

ހަމައެއާއެކު އެއްވެސް ސަރުކާރެއްގައި ވެރިކަމުގެ ފަހު އަހަރުގައި ނޫނީ މިފަދަ ބޮޑު މަޝްރޫއެއް ފެށިފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާ ވެސް އަވަހަށް މި ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭ މީހުން އެ ތަންތަނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުންކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ބޭފުޅުންނަށް އެފޯޑުކުރެވޭ ނޫނީ ލިބޭނެ ގޮތަށް ހައުސިން މަޝްރޫތައް ކުރިއަށް ގެންދިއުން. އެގޮތުން ރިއަލް އެސްޓޭޓް ޑިވެލޮޕާސްއާ ހަވާލުކޮށްގެން ހިންގޭ މަޝްރޫތަކަކީ އަޅުގަނޑުމެން އޭގެ އަގު ކޮންޓްރޯލުކޮށް، ފަސްޓް ޓައިމް ހޯމް ބެއަރާޒްއަށް ވިއްކަން ޝަރުތުކުރާ ޔުނިޓުތައް،" އާރިފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ މޭމަހާ ހިސާބަށް އަންނައިރު އޭގެ ތެރެއިން ބައެއް ޓަވަރުތަކުގައި މީހުންނަށް ދިރިއުޅެން ފެށޭވަރުވާނެކަމަށެވެ.

ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މާލޭ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރާ 4000 ހައުސިން ޔުނިޓުގެ މަސައްކަތެވެ. މި މަސައްކަތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓު އެންޑް ކޯޕަރޭޓް އެފެއާޒްގެ މެނޭޖަރު އަހްމަދު ޝަމޫލު އަބްދުﷲ ވަނީ 4000 ފްލެޓުގެ އަަމަލީ މަސައްކަތް ފެށިފައިވާކަމަށް ވިދާޅުވެފައެވެ.

"ޖޭއެމްސީ ޕްރޮޖެކްޓްގެ 16 ޕަސެންޓް ނިމިއްޖެ. އެންބީސީސީގެ މަސައްކަތް 13.5 ޕަސެންޓް ނިމިއްޖެ. އަންނަ އަހަރަށް ބައެއް ޓަވަރުތައް ނިމޭނެ. މުޅި ޕްރޮޖެކްޓް 2024އަށް ނިމޭނެ. މަސައްކަތް ކުރިއަށްދަނީ ޓައިމްލައިނާ އެއްގޮތަށް،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ގެދޮރުވެރިޔާ މަޝްރޫގެ ތެރޭ ހިމެނެނީ ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާ، ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕަރޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެކެވެ. އަދި ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

މީގެ އިތުރުން ސަރުކާރުން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެންނާއި، އެޗްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫތައް ވެސް ހިމެނެއެވެ. އެޗްޑީސީގެ ޓަވަރުތަކުގެ މަސައްކަތަކީ އެޕޯލޯ ކުންފުންޏަށް ސަބްކޮންޓްރެކްޓަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތަކެވެ.

އެއާއެކު ޖުމްލަ 6،175 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.

މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ހައި ރޭންޖާއި، މިޑް ރޭންޖު އަދި ސޯޝަލް ހައުސިންގެ ފްލެޓުތަކެވެ.

comment ކޮމެންޓް