އެސްޓީއޯއިން ވިއްކާ ދަގަނޑުގެ ބާވަތްތަކުގެ އަގުތައް ހެޔޮކޮށްފި

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އައުޓްލެޓް -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކަމުންދާ ދަގަނޑުގެ ބާވަތްތަކުގެ އަގުތައް ހެޔޮކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން އެކުންފުނިން ވިއްކާ ދަގަނޑުގެ ބާވަތްތަކުގެ އަގުތައް 14 ޕަސެންޓާ ހަމަޔަށް ހެޔޮކޮށްފައިވާނޭކަމަށެވެ.

ކޮވިޑް ބަލިމަޑުކަން ފެތުރުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔުމާއެކު އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހާއްސަ ގޮތެއްގައި ދަގަނޑުގެ އަގުތަކަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.

އެސްޓީއޯއިން ބުނީ ރާއްޖޭގެ މާކެޓް ތެރޭގައި އަގުތައް ކޮންޓްރޯލްކޮށް، އެންމެ ކުޑަ އަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެކުންފުނިން މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައިވާ ކަމަށެވެ. ސަޕްލައި ޗެއިނަށް ދިމާވެފައިވާ ދަތިތަކުން މިހާރު އަރައިގަނެވެމުން ދާއިރު، އިމާރާތް ކުރުމުގައި އެހެނިހެން ސާމާނުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއަކީ އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ސާމާނު އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރާ އެއް ކުންފުންޏެވެ. އެސްޓީއޯއިން ގެންދަނީ ރަށްރަށުގައި ހުންނަ އެކުންފުނީގެ އައުޓްލެޓްތައް މެދުވެރިކޮށް، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ރަށްރަށަށް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް