އަދި ގޮތް ނިންމަން މާ އަވަސް، ސީޒަން ނިމެންދެން މަޑުކުރޭ: ކްލޮޕް

ޖާގެން ކްލޮޕް ---

ލިވަޕޫލާ ދޭތެރޭ ގޮތްނިންމައި ފާޑުކިޔަން ސީޒަން ނިމެންދެން މަޑުކުރުމަށް އެ ޓީމުގެ ކޯޗު ޖާގެން ކްލޮޕް އެދިއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ ހަތަރު މެޗުން ލިވަޕޫލް ވަނީ އެއްވަރުވެފައެވެ. މިވަގުތު އެ ޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.

އެހެންކަމުން ގިނަ ބަޔަކު ދަނީ ލިވަޕޫލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ފާޑުކިޔުންތަކަށް ރައްދުދެމުން ކްލޮޕް ބުނީ މިވަގުތު ޓީމުގެ ކުޅުންތެރިންގެ ހާލަތާއި އެހެނިހެން ކަންކަމަށް ބަލާއިރު ޓީމާ ދޭތެރޭ ގޮތް ނިންމުން އިންސާފުވެރި ނުވާނެކަމަށެވެ.

ކްލޮޕް ބުނީ އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަތައް ދިމާވެފައިވާއިރު ސީޒަނުގައި ކުރިއަށް ދިއުމަށް ވަރުގަދަ ސްކޮޑެއް ބޭނުންވާކަމަށެވެ.

ކްލޮޕް ބުނީ ސަޕޯޓަރުންފަދައިން އޭނާވެސް ލިވަޕޫލްގެ ފަރާތުން އެއަށްވުރެ ރަނގަޅު ނަތީޖާއަކަށް އުންމީދުކުރާކަމަށެވެ. އަދި ކުޅުންތެރިން ވެސް އުންމީދުކުރަނީ ހަމަ އެފަދައިންކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކްލޮޕް ބުނީ ޓީމު ކުރިއަށް ދާންޖެހޭނީ މަޑު މަޑުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއްކަމަށެވެ.

"އަހަރުމެންގެ މަސައްކަތް މަޑު ޖައްސައެއް ނުލާނަން. އެކަމަކު އެހާ ފަސޭހައިން މި ހުރާހާ ކަމެއް ރަނގަޅުވެ ހަމަ މަގަކަށް ނޭޅޭނެ،" ކްލޮޕް ބުންޏެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލްގެ ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގައި ބައިވެރި ނުވެވެއެވެ. އެގޮތުން ލޯނު އުސޫލުން ލިވަޕޫލަށް ގެނައި މިޑްފީލްޑަރު އާތުރު މޭލޯއާއި ޑިފެންޑަރު ޖޮއެލް މެޓިޕްއާއި، އިބްރާހިމާ ކޮނާޓޭއާއި، ޑިއޭގޯ ޖޮޓާއާއި، ލުއިސް ޑިއާޒްއަށް އަނިޔާގެ ސަބަބުން ނުކުޅުވެއެވެ.

comment ކޮމެންޓް