ތައުލީމީ ދާއިރާއަށް މިހާތަނަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރުގެ ބަޖެޓުގައި

ތައުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވޭ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ބަޖެޓް ކަނޑައަޅާފައި ވާނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ތޫނުފިލި އުފެއްދުންތެރި ޢިލްމީ ޖީލެއް ބިނާކުރުމަކީ މިސަރުކާރުން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ.

ސަރުކާރުގެ ދިގުރާސްތާގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހޯދޭނެ މަގު ކޮންމެ ދަރިވަރަކަށް ވެސް ފަހިކޮށްދިނުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުން ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށެވެ.

"މިއީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް އެޅުނު ބިންގަލެއް. ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ އެއް އަސާސް ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިއީ ދިވެހީން އެދޭގޮތަށް، ދިވެހީންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއެއް އަންނަ އަހަރު ހިންގުމަށް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް އާބާދުވާ ސަރަހައްދުތަކުގައި މުޅިން އަލަށް ގާއިމްކުރެވޭ ސްކޫލްތައް ހިމެނޭ އިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވުނު ވަގުތީ ސްކޫލްތަކުގެ ބަދަލުގައި އަންނަ އަހަރު ދާއިމީ ސްކޫލްތައް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ތަނަވަސްކޮށް ދެވިފައިވާ ކަމަށެވެ. އެގޮތުން ހިލޭ ޑީގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް 166.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރު ވެސް ކުރިއަށްދާނެ. އެކަމަށް 216.1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ،" މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖުމްލަކޮށް ބަލާއިރު މަތީ ތައުލީމަށް އަމާޒުކުރެވޭ 856.6 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނޭ ކަމަށެވެ. އެއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ގަދަރުވެރި ބަޔަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް