ބޮޑު ތަފާތަކުން މޮޅުވެ، އާސެނަލް އަނެއްކާ ވެސް ޕޮއިންޓް ތާވަލްގެ އެއްވަނައަށް

މިރޭގެ މެޗުގައި ނޮޓިންހަމް އާ ދެކޮޅަށް ސަކާ ކުޅެނީ.. ފޮޓޯ/ގެޓީ އިމޭޖް

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ތަފާތު ބޮޑު ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އާސެނަލް ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އާސެނަލްގެ ނެލްސަން ވަނީ ދެ ލަނޑު ޖަހާފައެވެ. ނެލްސަން ކުޅެން ނިކުމެފައިވަނީ ސަކާގެ ބަދަލުގައެވެ. ސަކާގެ ފައިތިލަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން 27 ވަނަ މިނެޓްތެރޭގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ގޯލް ހުޅުވާލަ ދިނީ މެޗު ފަށައިގެން ފަސް ވަނަ މިނެޓް ތެރޭގައި ސާކާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މާޓިނެލީއެވެ. މެޗުގައި ފެނިގެންދިޔަ އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 49 ވަނަ މިނެޓް ތެރޭގައި ނެލްސަންއެވެ. އޭގެ އެއްމިނެޓް ފަހުން ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނެލްސަން ވަނީ އިތުރު ލަނޑެއް ޖަހައި އާސެނަލަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މުޅިމެޗުގައި ވެސް މޮޅަށް ކުޅުނު އާސެނަލުން ވަނީ ކައުންޓަ އެޓޭކުގައި ނޮޓިންހަމްގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ އާސެނަލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ 57 ވަނަ މިނެޓް ތެރޭގައި ނެލްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ތޯމަސް ޕަޓޭއެވެ. އާސެނަލްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ 78 ވަނަ މިނެޓް ތެރޭގައި އޮޑެގާޑެވެ.

މެޗަށް ފަހު އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، އެއްވަނައިގައި އުޅޭ އާސެނަލަށް 12 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ދެވަނައިގަ އުޅޭ މެންޗެސްޓަރ ސިޓީއަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި ޓޮޓެންހަމް އުޅެނީ ކުޅުނު 13 މެޗުން 26 ޕޮއިންޓް ލިބިގެންނެވެ.

comment ކޮމެންޓް