ހަންގޭރީ ސަރުކާރުންދޭ ސްކޮލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ސްކޮލާޝިޕަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމުގެ ތެރެއިން--- ފޮޓޯ

ހަންގޭރީ ސަރުކާރުން އަންނަ އަހަރު ރާއްޖެއަށް ދޭ 15 ސްކޮޕާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ސްކޮލާޝިޕްގެ ދަށުން އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، ސިއްހީ ދާއިރާ އަދި ޓީޗިންގެ ދާއިރާ ތަކުން ބެޗްލާސް ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބެއެވެ.

އެ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ހަންގޭރީއަށް ދިޔުމުގެ ދެކޮޅު ޓިކެޓާއި، ކިޔެވުމުގެ އިތުރުން އެހެނިހެން ހުރިހާ ޚަރަދެއް ހިލޭ ކުރުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ހަންގޭރީގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހު މިއަދު 'ސަން' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ފުރުސަތަކީ ހުޅުވާލިފައިވާ ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ސްކޮލާޝިޕަށް ކުރިމަތިލެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ނިޔަލަށެވެ.

މިދިޔަ އަހަރު ހަޔާ އެޑިއުކޭޝަން އަދި ހަންގޭރީ ސަރުކާރުން ވަނީ އެ ގައުމުން ރާއްޖެއަށް މަތީ ތައުލީމަށް ކިޔެވުމުގެ 60 ސްކޮލާޝިޕް ހިލޭ ދިނުމަށް އެއްބަސްވެފައެވެ.

އެ އެއްބަސްވުމުގެ ދަށުން އަހަރަކު 15 ސްކޮލާޝިޕް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ސްކޮލާޝިޕްތަކަށް މިއަހަރު ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން މިހާރު ވަނީ ހަވާލު ކޮށްފައެވެ.

comment ކޮމެންޓް