ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: ޝައުނާ

"ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް" ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ފަރުތައް ހިމާޔަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަރުތަކާ ބެހޭ ގޮތުން ކުރި ދިރާސާއެއްގެ ހޯދުންތައް އާއްމުކުރުމަށް ބޭއްވި "ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް" ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ، ރާއްޖޭގެ ފަރުތަކުގައި ހެދިފައިވާ މުރަކައިގެ ވައްތަރުތަކުގެ ތެރެއިން ބައެއް ބާވަތްތަކުގެ މުރަކަތައް ނެތި ދިއުމުގެ ބިރު އޮތްކަން ދިރާސާއިން އެނގުނު ކަމަށެވެ.

"ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް" ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެހެންކަމުން ފަރުތައް ހިމާޔަތްކުރުމަށް މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ކުރިއަށް އޮތް ތަނުގައި މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްވެސް ޝައްކެއް ނެތް. އަހަރެމެންގެ މި ހުރި ފަރުތަކުގެ މުހިންމުކަން ކިތަންމެހާވެސް ބޮޑު. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ދިރުން ބިނާވެގެންވަނީ މި ފަރުތަކަށް. ރާއްޖޭގެ ޓޫރިޒަމަށްވެސް މި ފަރުތަކުގެ ދިރުން އެހާމެ މުހިންމު،" ޝައުނާ ވިދާޅުވިއެވެ.

އެ ދިރާސާއިން ހޯދިހޯދުމުން، ރާއްޖޭގެ ފަރުތަކުގައި ހެދިފައިވާ ގިނަ ބާވަތްތަކުގެ މުރަކަތައް ނުރައްކަލަށް ހުށައެޅިފައިވާކަން ހާމަވި ކަމަށް ޝައުނާ ވިދާޅުވިއެވެ. އެ ދިރާސާގައި 39 ބާވަތެއްގެ މުރަކަ ތަހްލީލުކުރިއިރު، މީގެ ތެރެއިން 36 ބާވަތެއް ނެތިދިއުމުގެ ބިރު ހީވެފައިވާކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަރުތަކާ ބެހޭ ގޮތުން ކުރި ދިރާސާގެ ހޯދުންތައް އާއްމުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ބާވަތްތައް ދެނެގަތުމަށް ހިންގި "ރެޑް ލިސްޓް" ތަމުރީނު ޕްރޮގްރާމުގައި ބައިވެރިވި މީހުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މި ތަމުރީނުތައް 13 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

"ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް"ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ފަރުތަކުގައި ހުރި 36 ބާވަތެއްގެ މުރަކަ ނެތިދިއުމުގެ ބިރު ހީވެފައިވާއިރު، ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން މުރަކަ ހުދުވުމުގެ މައްސަލަތައް މީގެކުރިން ވަނީ ކަންބޮޑުވާ ދަރަޖައަކަށް ފާހަގަކުރެވިފައެވެ.

ރާއްޖޭގެ ފަރުތަކުގައި މުރަކަ އާލާ ކުރުމަށް ޤައުމީ ފެންވަރުގައި ތަފާތު އެކިއެކި ޕްރޮގްރާމުތައް މިހާރުވެސް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް