އެއްވެސް ސަރުކާރަކުން ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަކަށް ނުބުނޭ: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: އެއްވެސް އިރެއްގައި ފޯޅަވެއްސަކީ ރާއްޖޭގެ ބައެއް ކަމަށް ދައުވާއެއް ނުކުރޭ --- ފައިލް ފޮޓޯ/ ރައީސް އޮފީސް

މީގެ ކުރިން އެއްވެސް ސަރުކާރަކުން ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސް ބައެއް ކަމަށް ސަރުކާރުން ކަނޑައެޅިގެން ނުބުނި ނަމަވެސް މީގެ ކުރިން މަސައްކަތް ކޮށްފައި ވަނީ އެގޮތަށް ބަލައިގެން ކަމަށެވެ.

"އެއްވެސް ސަރުކާރެއްގައި ރާއްޖެއިން ޗާގޮސް ސަރަހައްދު ކްލޭމް ކޮށްފައެއް ނެތް," މިއުވާން ވިދާޅުވިއެވެ.

https://sun.mv/169662

ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބެންޖެހޭ ބައިން އެންމެ ތަންކޮޅެއް ވެސް ދޫކޮށްލުމުގެ ވިސްނުން ސަރުކާރުގެ ނެތް ނަމަވެސް ޗާގޮސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދިނުމަށް ވަނީ ނިންމާފައެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑް ބަދަލުކޮށްގެން ލިބޭނެ ގެއްލުމެއް ނެތް. އެއްވެސް ގެއްލުމެއް ނެތް," މިއުވާން ވިދާޅުވިއެވެ.

ރާއްޖެ އަކީ އަބަދުވެސް ޑީ ކޮލަނައިޒޭޝަނާ ދެކޮޅު ގައުމެއްކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމުން ލިބޭ ފައިދާ އަކީ އެ ޕްރިންސިލް ދެމެހެއްޓުން ކަމަށެވެ. އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ ގައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޮރިޝަސްއާ އެކު މަސައްކަތް ކުރުމަށް ރާއްޖެއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

"އެހެންވީމަ މީގެން އެއްވެސް ކަހަލަ ގެއްލުމެއް ރާއްޖެއަށް ލިބެނީއެއް ނޫން," މިއުވާން ވިދާޅުވިއެވެ.

ސްޓޭންޑް ބަދަލު ކުރުމުން ރާއްޖެއަށް ގެއްލުންތަކެއް ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި މިއުވާން ވިދާޅުވީ އެ ލިބޭ ގެއްލުމެއް އެފަރާތްކަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ފޯޅަވެހި މައްސަލައިގައި ސަރުކާރުން އެއްވެސް ކަމެއް ފޮރުވާފައިނުވާކަން ހާމަކޮށް މިއުވާން ވިދާޅުވީ, އެޓާނީ ޖެނަރަލް (އޭޖީ) އޮފީސް މެދުވެރިކޮށް ސަރުކާރުން ދިޔައީ ހުރިހާ ކަމެއްގެ މައުލޫމާތު ވެސް ރައްޔިތުންނާ ހިއްސާ ކުރަމުން ކަމަށެވެ.

އިއްޔެ ފޭސްބުކް ޕޯސްޓެއްގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއްކަމަށް ހެކިދޭ ތާރީޚީ އަދި ސަގާފީ އެތައް ހެއްކެއް އެބަހުރި ކަމަށެވެ. އަދި މޮރިޝަސްގެ ސިޔާދަތު ފޯޅަވެހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވުމުގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

comment ކޮމެންޓް