ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 92 މައްސަލައެއް މިދިޔަ މަހު ހުށަހެޅި

އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަ ކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް ޖުމްލަ 219 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.

ޖެންޑާއިން ބުނީ އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ މައްސަލަ، ޖިންސީ ހާނިއްކައިގެ މައްސަލަ، އަދި ޖިސްމާނީ ހާނިއްކައިގެ މައްސަލަ ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ދާއިރާއެއްގެ 19 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، ނަފްސާނީ ހާނިއްކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ތިން މައްސަލަ، ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ އަދި ފުރައްސާރައިގެ ޝިކާރަކައަކަށްވުމުގެ ދެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ޖެންޑާއަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އޭގެ 36 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ މައްސަލައެވެ. އޭގެ 19 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެބާވަތުގެ މައްސަލަތަކުގެ ގޮތުގައި ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ ދެ މައްސަލަ، ހިފެހެއްޓުމުގެ އަމަލުގެ ދެ މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ދެ މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ އެއް މައްސަލަ ވަނީ ހުށަހަޅައިފައެވެ.

މިދިޔަ މަހު ޖެންޑާއަށް އާއިލީ މައްސަލަތަކާ ގުޅުންހުރި 30 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 16 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ ނުވަ މައްސަލަ އަދި ހަޟާނާތުގެ ފަސް މައްސަލައެއް ހިމެނެއެވެ.

ޖެންޑާއިން ބުނީ މިދިޔަ މަހު އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 19 މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓް ކޯށްފައިވާ ކަމަށެވެ.

މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލަ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ފަސް މައްސަލައެއް ހިމެނެއެވެ.

ޖެންޑާއަށް މިދިޔަ މަހު ވަނީ ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 13 މައްސަލައެއް ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ ފަސް މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލަ، ސުލޫކީ ތިން މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ އެއް މައްސަލަ، ރުޅިވެރި ނުވަތަ ގަވާއިދާ ޚިލާފު ނުވަތަ އިޖްތިމާއި ގުޅުން ބަދަހި ކުރުމަށް އުޒުރަވެރިވުމުގެ އެއް މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ ޙައްގުތަކާ ގުޅުންހުރި ފަސް މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ކުދިން ސްކޫލަށް ނުފޮނުވުމުގެ ހަތަރު މައްސަލަ އަދި އައިޑީ ކާޑް ނުވަތް ޕާސްޕޯޓް ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ މައްސަލަތަކުގެ އެއް މައްސަލަ ވަނީ އެ މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ފަދަ އަމަލުގެ ގޮތުގައި އެއް މައްސަލަ އާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭގޮތުން މިދިޔަ މަހު ޖެންޑާއަށް އެއް މައްސަލަ ހުށަހަޅައިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 186އެވެ.

މިދިޔަ މަހު ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު ދެ ކުއްޖަކު ފޯސްޓާ ކޮށްފައިވެއެވެ. އަދި 18 އަހަރު ފުރުމާ ގުޅިގެން އެއް ކުއްޖަކަށް ވަނީ ވަޒީފާ ހޯދައިދީފައެވެ.

comment ކޮމެންޓް