ކަމާބެހޭ ހުރިހާ މުއައްސަސާތަކަކާއެކު ބޯޑަރ ސެކިއުރިޓީގެ ފުރަތަމަ ސިމްޕޯސިއަމް ފަށައިފި

ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އެކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކުން ބައިވެރިވާ ސިމްޕޯސިއަމްއެއް މިއަދު ފަށައިފިއެވެ.

މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ބޮޑަރ ސެކިއުރިޓީ ސިމްޕޯސިއަމްއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިސް ނަގައިގެން މިއަދު މީރުމާ ހޮޓެލްގައި ފެށި އެ ސިމްޕޯސިއަމްގައި ރާއްޖޭގެ ފަސް މުއައްސަސާއަކާއި ބައިނަލްއަގުވާމީ ދެ މުއައްސަސާއެއް ބައިވެރިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ބޯޑާ ސެކިއުރިޓީ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އޭގެތެރޭގައި އިމިގްރޭޝަނާއި، އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސްގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ހިމެނެއެވެ.

އެ ސިމްޕޯސިއަމްގައި ބައިވެރިވާ ބައިނަލްއަގުވާމީ ދެ މުއައްސަސާގެ ތެރޭގައި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި ޔުނައިޓެޑް ނޭޝަން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ހިމެނެއެވެ.

ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ވިދާޅުވީ، ބޯޑަރު ސެކިއުރިޓީގައި ހިއްސާވާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރު ކުޑަ ކަމަށެވެ. އަދި އެ މުއައްސަސާތަކުގެ މެދުގައި ކަންކަން ހިއްސާކުރެވޭ މިންވަރު ވެސް ދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ބޯޑާ ސެކިއުރިޓީ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ޒިންމާތައް އެބަ ފަނޑުވެގެންދޭ. ހުރިހާ މުއައްސަސާތަކުން ބޯޑަރ ހަރުދަނާކުރުމަށް ކުުރެވޭ މަސައްކަތްތައް ވެސް މަދުވޭ. އަދި ބޯޑަރު ކޮންޓްރޯލް ހަރުދަނާކުރުމަށް ސްޓްރެޖެޓީ ޕްލޭންތައް އެކުލަވާލުމަށް މިކަމުގެ ސަބަބުން ދަތިވޭ،" އޭނާ ވިދާޅުވިއެވެ.

ޒަމީލް ވިދާޅުވީ އެފަދަ ސިމްޕޯސިއަމްތަކުން ކަމާ ގުޅުންހުރި އިދާރާތައް އެއް މޭޒަކަށް އައިސް ހުރި މައްސަލަތަކާއި ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރެވި މުހިންމު ކަންކަން ހުށަހެޅޭނެ ކަމަށެވެ.

އެ ސިންޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ، މިއީ ބޯޑަރު ސެކިއުރިޓީ ހަރުދަނާކުރުމަށާއި ހުރި ގޮންޖެހުންތައް ދެނެގަތުމަށް، ހުރިހާ ބޯޑަރު ސެކިއުރިޓީ އެޖެންސީތައް އެއް މޭޒެއްގެ ދަށުގައި މަޝްވަރާކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

"ސިމްޕޯސިއަމްގެ މައިގަނޑު މަގްސަދަކީ ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމާއި އެއް މޭޒެއްގެ ދަށުގައި މަޝްވަރާކުުރެވޭނެ ކަންކަން ދެނެގަތުން،" އޭނާ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ އެ ސިމްޕޯސިއަމްގައި މަޝްވަރާ ކުރެވޭ ކަންކަން ޕޮލިސީ ލެވެލްއަށް ހުށަހަޅައި ބަދަލެއް ގެންނަން ޖެހޭ ހާލަތެއްގައި ބަދަލު ގެނެސް އެ ކަންކަން ތަންފީޒުކުރުމަކީ ސިމްޕޯސިއަމްގެ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯޑަރު ސެކިއުރިޓީ ބަލިކަށިވެދާނެ ކަމަކުން ރައްކާތެރިވެ ތިބުމަށް ބޯޑަރު ސެކިއުރިޓީއާ ގުޅުން ހުރި ހުރިހާ މުއައްސަސާއަކުން ވެސް އެއްގަލަކަށް އަރައި އެކައްޗެއް ކިއުމަކީ މުހިއްމު ކަމަކެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ބޯޑާ ސެކިއުރިޓީ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ހަނަފީ ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ސެކިިއުރިޓީއާ މައިގަނޑު ގޮތެއްގައި ގުޅޭ ހަތަރު އިދާރާއެއް އޮންނަ ކަމަށާއި، ނަމަވެސް އޭގެ ފަހަތުގައި ކަމާ ގުޅުންހުރި އެތައް މުއައްސަސާތަކެއްވާ ކަމަށެވެ.

މިއަދު ފެށި އެ ސިމްޕޯސިއަމް އަކީ ހަމައެކަނި މިއަހަރު ބާއްވާ އެއްޗަކަށް ވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް އެ ސިމްޕޯސިއަމް ބާއްވައިި، އެ އަހަރެއްގައި ހުންނަ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރަމުންދާނެ ކަމަށް ހަނަފީ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް